ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވި މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް ފަހު އެ ކުންފުންޏަށް އަލުން ހުއްދަދީފިއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވީ އެ ހާދިސާ ހިނގި ސައިޓް ނޫން އެހެން ސައިޓްތަކުގައި މަސައްކަތް ކުރިއަށް ގެންދަން ހުއްދަދީފައި ވަނީ ނިމިގެން ދިޔަ ޑިސެންބަރު މަހުގެ މަހުކޮޅު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް މިހާތަނަށް ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން، ޑިސެމްބަރު 17 ގައި މަރުވީ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޖިއާން މަރުވި ހާދިސާއާ ގުޅިގެން މާލޭގެ ވަރަށް ގިނަ ތަންތަނުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީން ހުއްޓުވިއެވެ. އެކަމަކު އެ ފިޔަވަޅު އެޅުމުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އޭރު ބުނީ މަސައްކަތް އެ ގޮތަށް ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށެވެ.