ސީރިޔާގައި ތިބި އެމެރިކާ ސިފައިން ބޭލުން ބިނާވެފައި އޮތީ ވަކި ޝަރުތުތަކަކަށް ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ވިދާޅުވެއްޖެއެެވެ.
ބޯލްޓަން މިހެން ވިދާޅުވުމަކީ އަނެއްކާވެސް އެ މަރުހަލާއަށް ލަސްތަކެއް އަންނާނެކަމުގެ އިޝާރާތެކެވެ.
އިސްރާއީލާއި ތުރުކީއަށް ކުރައްވާ ދަތުުރުފުޅެއްގައި ހުންނަވައި ބޯލްޓަން ވިދާޅުވީ އޭނާ ބައްލަވަމުންދަނީ ސީރިޔާގެ އުތުރުގައި އުޅެމުންދާ ކުރުދީންނަށް ރައްކާތެރިކަން އޮތްކަމުގެ ޔަގީންކަން ތުރުކީއިން ދޭނެ ވަގުތަކަށް ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް ސްޓޭޓްގެ ނަމުގައި އުޅެމުންދާ ޖަމާއަތް ބަލިވެއްޖެކަން އެމެރިކާއިވެސް ކަށަވަރުކުރަން ބޭނުންވާކަމަށެވެ.
އައިއެސް ޖަމާއަތް ބަލިވެއްޖެކަމަށް ރައީސް ޓްރަމްޕް ވިދާޅުވެ ސީރިޔާގައި އުޅޭ އެމެރިކާގެ ސިފައިން އެ ގައުމުން ބޭލުމަށް އެމެރިކާއިން ނިންމިކަމަށް އިއުލާނުކުރުމުން ރައީސް ޓްރަމްޕްއަށްވަނީ ފާޑުކިޔުން ކުރިމަތިވެވަޑައިގެންފައެވެ.
ޑިސެމްބަރު މަހުގެ މެދުތެރޭގައި ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ސީރިޔާގައި ތިބި ހުރިހާ ސިފައިން ބާލާނެ ކަމަށެވެ.
ރައީސް ޓްރަމްޕް އެކަން އިއުލާނުކުރައްވާފައިވަނިކޮށް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެމަރިކާގެ އޮފިޝަލުންވަނީ ސީރިޔާގައިތިބި އެމެރިކާގެ ސިފައިން ފޭބުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާކަމަށް ވިދާޅުވެފައެވެ.
ސިފައިން ފައިބާކަން އިއުލާނުކުރެއްވިއިރު ރައީސް ޓްރަމްޕްވަނީ އައިއެސް ބަލިކުރެއްވިފައިވާކަންވެސް އިއުލާނުކުރައްވާފައެވެ.
ކޭމްޕް ޑޭވިޑަށް ޗުއްޓީއަށް ވަޑައިގަންނަވަމުން އާދީއްތަ ދުވަހު ރިޕޯޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވީ "އަޅުގަނޑުމެން މި އުޅެނީ ސިފައިން އަނބުރާ ގެންނަން. އަޅުގަނޑު ނުދަންނަވަން އަޅުގަނޑުމެން މިކަން އަވަސް އަރުވާލައިގެންކުރާ ވާހަކައެއް"
ސީރިޔާގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ނިންމެވިކަން އިއުލާނުކުރެއްވުން ވެގެންދިޔައީ އެމެރިކާގެ ޑިފެންގައި މަސައްކަތްކުރައްވާ އޮފިޝަލުންނަށް ސިހުން ގެނުވިކަމަކަށެވެ.
ރައީސް ޓްރަމްޕް އެކަން އިއުލާނުކުރެއްވުމާއެެކު ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް އަދި ޓްރަމްޕްގެ އަރިސް ބޭފުޅެއްކަމަށްވާ ބްރެޓް މެކްގަރކްވަނި މަގާމުން އިސްތިއުފާދެއްވާފައެވެ.
އެމެރިކާގެ ފައުޖުތައް އަނބުރާ ގެންދިއުމުން ރަޝިއާ އާއި އިރާނުގެ ނުފޫޒު ސީރިއާއަދި ސަރަހައްދުގައި ބޮޑުވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.