ހަޝޯގީގެ މައްސަލައިގައި ސައުދީން ފަށާފައިވާ ޝަރީއަތުން ނުފުދޭ ކަމަށާއި، އެއީ ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްތޯ ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އދގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ ބައިނަލްއަގްވާމީ ބައިވެރިވުމާއެކު، މިނިވަން ތަހުގީގެއް ހިންގުމަށް ސައުދީއަށް ގޮވާލާ ކަމަށެވެ. ރަވީނާ މިހެން ވިދާޅުވީ ސައުދީން މިދިޔަ ބުރާސްފަތި ދުވަހު، ހަޝޯގީގެ މަރުގެ ދައުވާ ލިބޭ 11 މީހުންގެ މައްޗަށް ޝަރީއަތް ފަށައިފައި ވަނިކޮށެވެ.
މި 11 މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ސައުދީ ޕްރޮސިކިއުޓަރު ވަނީ އެދިފައެވެ. އދ.އިން ވަނީ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއި ދެކޮޅު ހަދާފައެވެ.
މި މައްސަލައިގައި ވާހަކަދައްކަމުން އެމްނެސްޓީ އިންޓަނޭޝަންލްގެ މެދު އިރުމަތީ ސަރަހައްދުގެ ސަމާހް ހާދިދް ބުނީ ސައުދީ ދައުލަތުގެ އެއްމެ މަތީ ފަންތިން މި އަމަލުގައި ބައިވެރިވެފައިވުމާއި ގުޅިގެން މިނިވަން އިންސާފުވެރި ޝަރީއަތެއް ނުބޭއްވޭނެ ކަމަށެވެ. އޭނާ ވަނީ އދ އިސްވެގެން ހިންގާ ބައިނަލްއަގްވާމީ ތަހުގީގަކަށް ގޮވާލާފައެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސުލެޓް ތެރޭގައި މަރާލެވުނު ނޫސްވެރިޔާ ޖަމާލް ޙަޝޯގީ މަރާލުމުގައި، ސައުދީ ސަރުކާރުގެ އަދި ހާއްސަކޮށް ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ސައުދީއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ސީއައިއޭއިން ނިންމާފައިވަނީ ޖަމާލް ހަޝޯގީ މަރާލުމުގެ އޯޑަރު ދިންކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. އަދި ސީދާ ވަލީއަހުދުގެ ނަން ނުގަތެއް ކަމަކު، ތުރުކީއިން ވެސް މި ކަމުގައި ސައުދީ ސަރުކާރުގެ އެއްމެ "މަތީ ފަންތިން" ބައިވެރިވެފައިވާ ކަމަށެވެ.