ޖަޕާނުގެ ޓޯކިޔޯގެ އާ މަސް މާރުކޭޓުގައި ބޭއްވި ފުރަތަމަ ނީލަމުގައި، ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ވިއްކައިފިއެވެ.
ބަރުދަނުގައި 278 ކިލޯ ހުރި މި ކަންނެއްޔަކީ، ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަންނެލީގެ ބާވަތެއް ކަމުގައިވާ ނޫ އުރަހަ ކަންނެއްޔެކެވެ. މިއީ މިހާތަނަށް ކަންނެއްޔަކަށް ދެއްކި އެއްމެ ބޮޑު އަގެވެ.
މި ފަހަރު ވެސް ކަންނެލި ގަތީ، ކުރިން ވެސް އެއްމެ ބޮޑު އަގެއް ދީފައި މަސް ގަތުމުގެ ރެކޯޑް އޮންނަ ޖަޕާނުގެ ކިޔޯޝީ ކިމޫރާއެވެ. "ޓޫނާ ކިންގް" ގެ ނަމުން މަޝްހޫރު ކިމޫރާއަކީ ޖަޕާނުގައި ހިންގާ "ސޫޝީ ޒަންމާއީ" ރެސްޓޯރަންޓްތަކުގެ ވެރިޔާއެވެ.
ކިމޫރާ ބުނީ އެ ކަންނެލި ތާޒާވެފައި ރަހަ މީރު ވާނެ ކަމަށް ބެލެވުނަސް މި ފަހަރު މަސް ގަނެވުނީ އުއްމީދު ކުރި އަގަށް ވުރެ މަތިން ކަމަށެވެ. ނަމެވެސް އޭނާގެ ކަސްޓަމަރުން މި މަސް ކާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ކިމޫރާ ވިދާޅުވިއެވެ. މި މަސް ކެއުމަށް ބޭނުންވާ މީހުން ވަނީ ކިމޫރާގެ ރެސްޓޯރަންޓްތަކުގެ ބޭރުގައި ބޮޑު ކިޔުއެއް ހަދާފައެވެ.
މި އަގަކީ ބާޒާރުގައި އާއްމު ގޮތެއްގައި ނޫ އުރަހަ ކަންނެލި ލިބެން ހުންނަ އަގަށް ވުރެ މަތިން ވިކުނު ކަންނެއްޔެކެވެ. މި މަހުގެ އަގު އެހާ ބޮޑުވީ އާ އަހަރުގެ ފުރަތަމަ މަސް ނީލަމުގައި ވިކުނު މަހަކަށް ވުމުން ކަމަށް ޖަޕާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި މަސް ވިއްކި ޓޮޔޫސޫ މަރުކޭޓަކީ، ޓޯކިޔޯގެ ދުވަސްވީ ސުކީޖީ މާރުކޭޓު ބަންދު ކުރުމަށް ފަހު މި އަހަރު އަލަށް ހުޅުވި މަސް މާރުކޭޓެކެވެ.
ޖަޕާނާކީ ދުނިޔޭގައި އެއްމެ ގިނައިން ކެއުމުގައި ނޫ އުރަހަ ކަންނެލި ބޭނުން ކުރާ ގައުމެވެ. މާހިރުން ބުނަމުން އަންނަނީ، މިހާރު ބާނާ ވަރަށް ނޫއުރަހަ ކަންނެލި ބާނަމުން ދާނަމަ މި ކަންނެލީގެ ބާވަތް ދުނިޔެއިން ނެތިގެން ދާކަށް މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.