މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން އެކަށީގެވާ ޚިދުމަތް ދެވޭ ވަރަށް ވުރެ ބޮޑަށް ޖާގައިގެ ދަތިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި، އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާރތައް ފުނިޖެހިފައިވާ ކަމަށާއި، ޖާގައިގެ ދަތިތަކުގެ ސަބަބުން ގިނަ ބޯޓުތައް ކައިރި ނުކުރެވި ތިބެން ޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރަށް ބާޖު ބޯޓާއި ކައިރި ކުރުމަށް ފަހު ފަހަރަކު ކޮންޓެއިނާރއެއް ބަނދަރަށް ގެންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބަނދަރުގެ ޖާގަ ކުޑަވުމާއި ގުޅިގެން ގިނަ ކޮންޓެއިނާރތައް ޖާހާނެ ޖާގަ ނުހުންނަ ކަމަށާއި، އެހެންކަމުން ޚިދުމަތް ދިނުމަށް ލަސްވެ، މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ފާއިތުވެގެންދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ބަލައި، ހަލާކުވެފައި ހުރި ވެހިކަލްތަކާއި އިކުއިޕްމެންޓް މަރާމާތު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު އިކުއިޕްމެންޓް ހޯދަން ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އިކުއިޕްމެންޓް ހަމަކޮށް، މަސައްކަތް ފެށުމުން ވެސް ކޮންމެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ހުޅުމާލޭގައި އެމްޕީއެލް އަށް ލިބިފައި އޮތް ސަރަހައްދު ވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އެތަނަށް މުދާ އުފުލަން ޖެހެނީ ބާޖާ ޓަގްތައް ބޭނުން ކޮށްގެން ކަމަށެވެ. އަދި މިއީ ވެސް ލިބޭނެ ހައްލެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑު ނުކުރެވޭނެކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ދާއިމީ ހައްލެއް ލިބޭނީ ތިލަފުށީގައި ބޮޑު ސަރަހައްދެއް ހަދައި، މައި ބަނދަރު އެތަނަށް ބަދަލުކޮށްގެން ކަމަށެވެ. އަދި މާލޭގެ ބަނދަރު ބޮޑު ކުރުމަށް ޖާގަ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިހާރުގެ މިސަރުކާރާއެކު އެމްޕީއެލް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވި، ތިލަފުއްޓަށް މައި ބަނދަރު ބަދަލު ކުރެވޭނެ ކަމަށާއި، މިހާރު އެމަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ