ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިފަހަރު ގެންދިޔައީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސް އިން ބުނެފައި ވަނީ އަދީބް މިހާރު ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ހޯމް މިނިސްޓަރ ޝެއިހް އިމްރާން ފަދަ ސިޔާސީ ބޭފުޅުން ވެސް ތިއްބެވި ފަދަ ތަނަކަށް ކަމަށެވެ. އެއީ އާންމު ގައިދީންނަށް ނުލިބޭ އެތައް ވަސީލަތްތަކަކާ އެކު ޖަލުގައި ހަދާފައިވާ ފެންވަރު ރަނގަޅު ތަނެކެވެ.
އަދީބްގެ އާއިލާއިން މީގެ ކުރިން ބުނެފައި ވަނީ ޔާމީންގެ ސަރުކާރުގައި އަދީބް ގެންގޮސްފައި ވަނީ އާދައިގެ ކުޑަގޮޅިއަކަށް ކަމަށާއި އިންސާނީ ހައްގުތައް ވެސް ނިގުޅައިގަނެފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާއަށް ގެއަށް ބަދަލުކޮށްފައި ހުންނެވި އަދީބު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑުގައެވެ. އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އޭނާ އެޑްމިޓްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށް ފަހު، އަދީބު ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އަދީބު ގެއަށް ބަދަލުކުރެއްވުމުން އުފެއްދެވި ޕާޓީ އެމްޓީޑީ އިން ބުނެފައި ވަނީ އަދީބު ގޭބަންދުގައި ހުއްޓާ އަނބުރާ ޖަލަށް ގެންދިޔައީ ނުބައި ލިޔުމަކަށް ރިއާޔަތްކޮށް ކަމަށާއި އަދީބުގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގަންޖެހޭ ކަމަށެވެ. ސޯޝަލް މީޑީއާގައި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ފަރާތްތަކަކުން ވެސް ދަނީ އަދީބު ގެއަށް ބަދަލުކޮށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ގޮވާލަމުންނެވެ. އަނެއްކޮޅުން އަދީބަކީ ކުށެއް ސާބިތުވެފައި ހުރި ފަރާތަކަށްވާއިރު ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އަދީބު ޖަލަށް ގެންދަންޖެހޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ.
ހޯމް މިނިސްޓަރ އިމްރާން ބުދަ ދުވަހު ކުރައްވާފައިވާ ޓްއީޓެއްގައި ވިދާޅުވެފައި ވަނީ އަދީބު ގޭގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، އެ މުއްދަތުގެ ފަހުން އަދީބު ގޭގައި ބަހަށްޓައިގެން ފަރުވާ ދިނުމަށް ޑރ. ލަފާ ދެއްވާފައި ނުވާ ކަމަށެވެ.
Ex VP Adeeb 2mahah "homely environment" ehga bahattan Doctor lafaadhevvee 24/10/18 ga. 24/12/18 ge fahun egothah lafaanudhevvaa.
— Imran Abdulla (@ShimranAb) January 3, 2019
Hamajehifaivaa usoolun dhaulathun faruvaagekankan balahattaane. Evves meehehge asaasee insaanee haqqu qaanoonaa khilaafah mi sarukaarun nuhifahattaane.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެއްވެސް މީހެއްގެ އިންސާނީ ހައްގު ނުހިފަހައްޓާނެ ކަމަށެވެ.