ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހަދިޔާ ހަވާލުކުރަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ނޫން ކަމަށާއި އެފަދަ ހަދިޔާތައް ވަންނަން ޖެހޭނީ ދައުލަތުގެ ހަޒާނާއަށް ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަސްލަހަތު ފުށޫއަރާފާނެ ފަދަ މީހެއްގެ ފަރާތުން ސިޔާސީ އެކި މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުކުރަން ޖެހޭ ގޮތަށް، އުސޫލަށް ސަރުކާރުން ގެންނެވި ބަދަލަށް އިޝާރާތް ކުރައްވާ ނިޔާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން އުފުލަން ޖެހޭ ފަދަ މަސްއޫލިއްޔަތެއް އޭސީސީ ފަދަ މިނިވަން މުއައްސަސާއަކާ ހަވާލުކުރުމަކީ ކޮމިޝަނުގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމަށާއި، ސަރުކާރުގެ އެ ނިންމުން އަލުން މުރާޖައާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
Public oversight agencies should not be assigned with executive responsibilities. Treasury should be the custodian of Pmoney & other assets including those received by P office bearers. ACC should minimize threats to their independence. Believe gov will review it's decision. pic.twitter.com/wTfmoqTcvT
— Niyaz Ibrahim (@niyaz_ibrahim) January 4, 2019
މަސްލަހަތު ފުށޫއަރާފާނެ ފަދަ މީހެއްގެ ފަރާތުން ސިޔާސީ އެކި މަޤާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާ އޭސީސީއާއި ހަވާލުކުރަން ޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވަނީ ބުރާސްފަތިދުވަހުއެވެ. މި ގޮތަށް އަމަލުކުރަން ސަރުކާރުން ކަނޑައަޅާފައިވަނީ ،ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި 1 ޖުލައި 2012 ގައި އަމަލުކުރަންފެށި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ގެނައި 8 ވަނަ އިސްލާހުގައެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ، މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ، ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ހަދިޔާއެއް ދީފިނަމަ، ނުވަތަ ދޭން ހުށަ ހަޅައިފި ނަމަ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، މުވައްޒަފު ޢަމަލު ކުރަންވާނެ ކަމަށެވެ. އެ އިސްލާހު ގެނައުމުގެ ކުރިން މި މާއްދާގައި ވަނީ އެއްވެސް ފަރާތަކުން އެފަދަ ހަދިޔާއެއް ފޮނުވައިފިނަމަ އެ ހަދިޔާއެއް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑަޅުއްވާ ފަރާތަކަށް ފޮނުވަން ވާނެ ކަމަށެވެ.