ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު މެދުތެރޭ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އުތުރާއާއި މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވުމާއި އެކު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.
މި ވިއްސާރާގައި ދެކުނުގެ ރަށްތަކަށް ބޯކޮށްވާރޭވެހި އަދި އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އަދި ގއ. އިން ފެށީގެން ސ. އަތޮޅާއި ހަމައަށް ހޮނިހިރު ދުވަހުގެ 08:00 އިން ފެށިގެން 02:00 އާއި ހަމައަށް ވައިޓް އެލާރޓް ނެރެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެކުނުގެ ބޮޑު ބަޔަކަށް އިއްޔެ އާއި މިއަދު ވިއްސާރަކޮށް، ގަދައަށް ވައި ޖެހޭނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މައުލޫމާތު ދީފައިވާ ފެން ބޮޑުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭކަމަށެވެ.
އެގޮތުން ފެން ބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ ބަޔާނުގައި އެދިފައިވެއެވެ.
އަދި އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާ ނަމަ، ނިވާލާފައި ބެހެއްޓުމަށާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
އަދި ލިބޭ ގެއްލުންތަކުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.