ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދަށް ވަޑައިގެން އެމަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ފައިސަލް ނަސީމު ބައްލަވާލައްވައިފިއެވެ.
ނައިބް ރައީސް ފައިސަލް އެސަރަހައްދަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ މެންދުރުފަހު ވަގުތެއްގައެވެ. އެސަރަހައްދަށް ވަޑައިގަންނަވާ އެމަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތުވަނީ އޮޅުންފިލުއްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައިސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަޅުވަކަރު މިސްކަތް ބެހެއްޓެވުމަށް ނިންމަވާފައިވަނީ ޗާންދަނީމަގު، މެދުޒިޔާތްމަގާ ގުޅޭ ކަންމަތި (ކުރިން ދިރާގު ހެޑް އޮފީސް) ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން އަންނަނީ ކުރަމުންނެވެ. އަދި ކަޅުވަކަރު މިސްކިތް ރޭވުމުގައި ހިލޭސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
ރަސްރަނި ބަގީޗާގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ.
މީލާދީ ގޮތުން 1789 ވަނަ ހަދާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއި އެކުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ.