މަސްލަހަތު ފުށޫއަރާފާނެ ފަދަ މީހެއްގެ ފަރާތުން ސިޔާސީ އެކި މަޤާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަނ ކޮމިޝަނާއި ހަވާލުކުރަން ޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ.
މިގޮތަށް ކަނޑައަޅާފައިވަނީ، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި 1 ޖުލައި 2012 ގައި އަމަލުކުރަންފެށި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ގެނައި 8 ވަނަ އިސްލާހުގައެވެ. ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ، ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ހަދިޔާއެއް ދީފިނަމަ، ނުވަތަ ދޭން ހުށަ ހަޅައިފި ނަމަ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، މުވައްޒަފު ޢަމަލުކުރަންވާނެ ކަމަށެވެ. އެއީ؛
"ދައުލަތުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ނުވަތަ އެއްވެސް އެއްޗެއް ދިނުމަށް ހުށަހަޅައިފިނަމަ، ލަސްނުކޮށް އެއެއްޗެއް ނުވަތަ އެކަމެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް ރައްދުކުރަންވާނެއެވެ. ނުވަތަ އަންގަންވާނެއެވެ."
މި އިސްލާހު ގެނައުމުގެ ކުރިން މި މާއްދާގައި ވަނީ އެއްވެސް ފަރާތަކުން އެފަދަ ހަދިޔާއެއް ފޮނުވައިފިނަމަ އެ ހަދިޔާއެއް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑަޅުއްވާ ފަރާތަކަށް ފޮނުވަން ވާނެ ކަމަށެވެ.
މީގެ އިތުރުން މި އުސޫލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުވައްޒަފު އަހަރީ ޗުއްޓީގެ 30 (ތިރީސް) ދުވަސް އެކީގައި ބޭނުންކޮށްފައިވަނިކޮށް، އާއިލީ ޒިންމާއަކަށް ނުވަތަ ސަލާމަކަށްވެސް ނުފެތޭކަމެއް ދިމާވެގެން ކޮންމެހެން ޗުއްޓީއެއް ނަގަންޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ، އެ މުއައްސަސާއަކުން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން މުސާރަ ނުލިބޭ ޗުއްޓީ ދެވިދާނެ ކަމަށް، އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި އޮތް އޮތުން ވަނީ ބަދަލުކޮށްފައެވެ. ގެނެސްފައިވާ ބަދަލުގައި ބުނެފައިވަނީ، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަމަކަށް އެދި، މުސާރަނުލިބޭ ޗުއްޓީއެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށާއި، ޗުއްޓީ ލިބޭނީ އެކަމަކަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވުމުން ކަމަށެވެ.
މި މައްދާގެ (ހ) ގެ 10 ވަނަ ނަންބަރާއި 16 ވަނަ ނަންބަރުވެސް، އެހެން މާއްދާތަކުގައި ހިމެނޭ ބައެއް ތަފްސީލު އުނިކުރުމަށްފަހު އިބާރާތް ބަދަލުކޮށްފައިވާއިރު، ކުރިން އޮތް އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުން ފެށިގެން 16 ވަނަ ނަންބަރާއި ހަމައަށް ހުރި ބައިތައް ވަނީ އިސްލާހު ކުރެވުނު އުސޫލުގައި އުނިކޮށް، އެ ބަދަލާއި އެއްގޮތަށް ބައިތަކަށް ނަންބަރު ދީފައެވެ. މި ބައިތައް އުނިކޮށްފައިވަނީ ކުރިން އޮތް ގޮތުން، މި މާއްދާގެ އެކި ބައިތަކުގައި އެއް ވާހަކަތަކެއް ހުރުމުންނެވެ.
އުސޫލުގެ 13 ވަނަ މާއްދާގެ (ހ) ވެސް އިސްލާހުކޮށް، އަލުން އިބާރާތް ކޮށްފައިވާއިރު، އެ ބައިން ވަނީ މި އުސޫލުގެ 9 ވަނަ މާއްދާގެ ވާހަކަ އުނިކޮށްފައެވެ.
ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ ފަރާތްތައް އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނެސް، ޚާއްސަކޮށް ސިޔާސީ ފަރާތްތައް، ނަހަމަ ގޮތުގައި ހަދިޔާ ލިބިގަތުމާއި ޗުއްޓީ އާއި ގުޅޭ ކަންކަން ހަރުކަށިކޮށްފައިވާއިރު، ކޮރަޕްޝަން ނައްތާލުމާއި، މަޤާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމެވެ.