ކަޅުވަކަރު މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ މިސްކިތް ރޭވުމަށްޓަކައިވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް އެ މިނިސްޓްރީ އިން ފަށާފައިވާ ކަމަށެވެ. އަދި މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން އިތުރަށް ބުނީ ކަޅުވަކަރު މިސްކިތް ރޭވުމުގައި ހިލޭސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް 7947266 ނަންބަރަށް މެސެޖު ކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައިސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަޅުވަކަރު މިސްކަތް ބެހެއްޓެވުމަށް ނިންމަވާފައިވަނީ ޗާންދަނީމަގު، މެދުޒިޔާތްމަގާ ގުޅޭ ކަންމަތި (ކުރިން ދިރާގު ހެޑް އޮފީސް) ހުރި ބިމުގައެވެ.
ރަސްރަނި ބަގީޗާގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ. އެ ވައުދުތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ބިނާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފާއެވެ.
ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ ތާރިހީ ތަނެކެވެ. އަދި ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި ކަޅުވަކަރު މިސްކިތް ރައްކާތެރިކަމާއެކު ޤާނޫނުތައް ހެދިގެން ބެހެލެއްޓެން ޖެހޭނެއެވެ. ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި އަޖައިބުކުރުވަނިވި ކަންތައްތަކެއް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި އެތައް ކަވި މަސައްކަތްތަކެއް ކޮށްފައިވާއިރު ކަޅުވަކަރު މިސްކިތުގައި ކަޅުވަކަރު ބޭނުންކޮށްފައި ހުރުމާއި ހިރިގަލުން މިސްކިތް ބިނާ ކުރެވިފައި ހުރުން ހިމެނެއެވެ.