މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށް ޑިޒާސްޓަރ މެނޭޖްމެންޓުން އިލްތިމާސްކޮށްފިއެވެ.
ޑިޒާސްޓަ މެނޭޖްމެންޓުން އިލްތިމާސްކުރީ، ރާއްޖެގެ ދެކުނުގެ އަތޮޅުތަކަށް މާދަމާއިން ފެށިގެން ބޮޑު ބަޔަކަށް ވިއްސާރާ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން އަންގާފައި ވާތީ އެވެ.
އާންމު ރައްޔިތުން ސަމާލުވުމަށް އެ އޮތޯރިޓީން އަންގާފައިވާ ކަންތައްތަކުގެ ތެރޭގައި ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުންވުން، ގެއަށް ފެން ނުވަންނާނެ ހެން ހެދުމަށް ވެލިބަސްތާ ފަދަ ތަކެތި ޖެހުން ހިމެނެ އެވެ. ފެން ބޮޑުވެ ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލު ކުރުމަށާއި، އުސްތަންތަނުން ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަަށް ވެސް އެ އޮތޯރިޓީން އެދިފައިވެ އެވެ.
މޫސުން ގޯސްވެ ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، ވައިގެ ސަބަބުން އެއްލާލާފަނެ ތަކެތި ބަނދެ ތަކެތި ރައްކާތެރި ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކަރަންޓު ސާމާނު ބޭނުން ނުކުރާނަމަ އެއްޗެހި ނިއްވާލާފައި ނުވަތަ ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށާއި، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައުލޫމާތު 48 ގަޑިއިރު ތެރޭ ރަށު ނުވަތަ ކައުންސިލް މެދުވެރި ކޮށް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީއަށް އެންގުމަށް އެދިފައިވެ އެވެ.
ކުރިޔަށް އޮތް ދުވަސް ތަކުގައި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރު މިނަށް ވައިގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް ލަފާކުރެ އެވެ.