ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އަލުން ތަހުގީގު ކުރުމާމެދު ޕްރޮސެކއިޓަރ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއާގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭ ދެ ވޯޑިއޯއެއް ދައުރުވަމުންދާއިރު، އެހާދިސާ ގުޅޭ ގޮތުން ތަފާތު އަޑުތައް ފެތުރިފައިވާ ކަމަށެވެ. އަދި އެހާދިސާ އަލުން ތަހުގީގު ކުރަންޖެހޭތޯ ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާ ކުރާނެ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އެމައްސަލަ ތަހުގީގު ކުރުމަށް އިރުޝާދު ދެއްވައިފިނަމަ، އެމައްސަލަ އަލުން ތަހުގީގު ކުރާނެ ކަމަށާއި، އެނޫން ހާލަތެއްގައި އެމައްސަލަ ތަހުގީގު ކުރާނީ ޝަރީއަތުން އެގޮތަށް އަމުރުކޮށްފި ނަމަ ކަމަށެވެ.
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ދުވަހުގެ އަސްލު ވީޑިއޯކަމަށް ބުނެ ދާދިފަހުން އަލިފާން ނުފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. ނަމަވެސް ރައީސް އޮފީހުން އެހާދިސާގެ ވީޑިއޯ އާންމުކުރިއިރު، ލޯންޗުން އެއްޗެއް ގޮވިވަގުތު ވަރަށް ބޮޑަށް އަލިފާން ފެނިގެންދެއެވެ.
މިމައްސަލައާ ގުޅޭ ގޮތުން މިނިމިގެންދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި، އޭރުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެދުވަހު ލޯންޗްކޮޅުގައި އެއްޗެއް ގޮވި ނަމަވެސް އަލިފާނުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވާފައިވަނީ ރައީސް ޔާމީންގެ ދެ ކަނބަލުން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގެން ލޯންޗްކޮޅުގައި މާލޭގެ އިއްޒުއްދީން ފާލަމާ ކައިރިކުރަނިކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.