ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު އެކުންފުންޏާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ސްޓެލްކޯއިން ރައްދު ދީފިއެވެ.
މިހާރުގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއަށް ބަހުގެ ހަމަލާތަކެއް ދެއްވާ ޒުހޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެލްކޯ އިން އިންވެސްޓް ކުރަންވީ ހަރަދު އެނަލައިޒް ކޮށްގެން ކަމަށާއި މީހުންގެ ބަނޑުފުރަން ނޫން ކަމަށެވެ. އެގޮތުން ސްޓެލްކޯ ގެއްލުމުގައި ހިންގާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނި ގެއްލުމުގައި ހިނގަނީ އެކުންފުންޏަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި އެނޫން ތަކެތި ގަތުމުގައި ކަމިޝަން ހޯދަން، ކަން ކުރާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ސްޓެލްކޯގެ ކަންކަން ސިޔާސީ ނުކުރުމަށް ވެސް ޒުހޫރު ވަނީ އެދިވަޑައިގެންފަ އެވެ.
ޒުހޫރުގެ އެ ވާހަކަތަކަށް ރައްދުދީ ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ އެކުންފުންޏާއި ގުޅޭގޮތުން ޒުހޫރު ދެއްކެވީ ހަގީގަތާއި ހިލާފު, އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސްޓެލްކޯގެ މުވައްޒަފަންނާއި، ކުންފުނީގެ ތަސައްވަރަށް ކިލަބުކަންއައިސް، ކުންފުނިންދޭ ޚިދުމަތާއި، މެދު ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކުންފުނީގެ ހިންގުމާއި މެދު ޝައްކާއި ވަހުމު އުފައްދާ، ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ޒުހޫރު ކުރެއްވި އަމަލެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމަލުކުރަނީ އެކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުން އިތުބާރު ގާއިމްވެފައިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމާއި، މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އަދި ވިޔަފާރި ކުންފުނިތައް ހިންގުމުގައި އަމަލުކުރާ ކޯޕަރޭޓް ގަވާރނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުން ޒާތީ މަންފާ ހޯދުމުގެ އަމަލުތައް ކުރާ ކަމަށް ދޭހަވާގޮތަށް ތުހުމަތުކޮށް ޒުހޫރު ވިދާޅުވެފައިވާ ވާހަކަތަކަށް ރައްދުދެއްވައި، ސްޓެލްކޯއިން ބުނީ އެކުންފުނިން އެފަދަ ކަމެއް ހިނގުމަށް ފުރުސަތުދޭ ނުދޭނެ ކަމަށާއި، ކަސްޓަމަރުންނާއި ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެފަދަ ނޭދެވޭ ކަމެއް ހިންގާފައިވާނަމަ އެކުންފުނިން އެކަމެއް ބަލާ ތަހުގީގުކޮށް، އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ސްޓެލްކޯގެ މިބަޔާނުގައި ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ ދައުލަތުގެ އިސްމަގާމުތަކާއި އެކުންފުނީގެ ސީއީއޯކަން ކުރައްވާފައިވާ ފަރާތަކުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް އެކުންފުންޏާއި، އެކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ނަމަވެސް ދެއްކުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ ހަގީގަތާއި ހިލާފަށް ދޮގު މައުލޫމާތު ފަތުރަނީ ކޮން މަސްލަހަތެއްގެ ހިމާޔަތް ކުރުމުގެ ނިޔަތުގައިތޯ ސުވާލު އުފައްދާފައެވެ. އަދި ޒުހޫރު މިފަދަ ކަންކަމަށް ޝައްކު އުފައްދާ މިހާރު ވާހަކަ ދައްކާއިރު، މަގާމުގެ މަސްއޫލިއްޔަތުގައި ދެމިހުންނެވިއިރު އެފަދަ ކަންކަން އެނގިހުރެ ބަލާ ތަހުގީގު ނުކޮށް ދޫކޮށްލެއްވުމަކީ އެކުންފުނިން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެބާވަތުގެ އަމަލެއް ޒުހޫރު ހިންގަވާފައި ނުވުމަކީ ސްޓެލްކޯއިން އުއްމީދު ކުރާކަމެއްކަން ފާހަގަކުރައްވައި، މިބަޔާނުގައި ބުނެފައިވަނީ ޒުހޫރު އެފަދަ އަމަލެއް ހިންގާފައިވާނަމަ، އެކަމެއްބަލާ އަޅަންޖެހޭ ފިޔަވަޅެއް އޭނާގެ މައްޗަށް އެޅުމުގައި ވެސް އެކުންފުނިން ފަސް ނުޖެހޭނެ ކަމަށެވެ. ސްޓެލްކޯއިން ބުނީ އެކުންފުނީގެ ތަސައްވަރު ކިލަނބުވެ، ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އެކުންފުނީގެ ސީއީއޯކަން ކުރައްވާފައިވާ ޒުހޫރަށް އިލްތިމާސް ކުރާ ކަމަށެވެ.