މާލެއިން ފުރައިގެން ލަ.ގަމަށް ދަތުރުކުރި "ދިނަޝަ" ނަމަކަށް ކިޔުނު މުދާ އުފުލާ ބޯޓެއް މ. ކޮޅުފުށީ ނެރައް އަރައިފިއެވެ.
ބޯޓު ނެރައް އެރުމާއިއެކު ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ކޮށްފައެވެ. ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްއާއި އެކު ކޮޅުފުށީގެ ދޯންޔެއް ބައިވެރިވެފައިވެއެވެ.
ނެރަށް އެރިތާ މާ ގިނަ އިރެއް ނުވަނީސް އެމްއެންޑީއެފްއިން ވަނީ ކާމިޔާބު ކަމާއި އެކު ބޯޓު ފުންކުރުމުގެ މަސައްކަތް ނިންމާލާފައެވެ. މި ހާދިސާ ހިނގައިގެން އުޅުނު ވަގުތު، އެ ސަރަހައްދުގެ ކަނޑު ވަރަށް ގަދަވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ވެސް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ފުލުހުން ވެސް ވަނީ މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރަނިކޮށް ދިޔަވި ލޯންޗަކުން 42 މީހުން ސަލާމަތް ކޮށްފައެވެ.