މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރި "ފަޒާސް 5" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 05:38 ހާއިރު ކަމަށާއި އެ ލޯންޗު އޮތީ އދ. މަހިބަދޫގެ އިރު ދެކުނު 5 މޭލު ބޭރުގައި ކަމަށެވެ.
އެ ހާދިސާ ހިނގައިރު ލޯންޗުގައި 42 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި 14 އަންހެނުންނާއި 4 ކުޑަކުދިން ތިބި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ލޯންޗުގައި ތިބި މީހުން މިހާރު ފުލުހުންގެ ލޯންޗާއި އދ. މަހިބަދޫގެ ސީ އެމްބިއުލާންސް އަށް އެ ފަރާތްތަކުގެ އެހީތެރިކަމާއެކު އަރުވާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ލޯންޗުގައި ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު ލޯންޗުގައި ތިބި މީހުން އދ. ދަނގެއްޗަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ލޯންޗުގެ ކުރީ ކޮޅު ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗުގައި ދިވެހިންގެ އިތުރުން ބިދޭސީން ތިބި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.