ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސްރީލަންކާއަށް ފުރާވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހު ސްރީލަންކާއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ދުވަހު ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލު ވަޑައިގަތުމަށް ފަހު ސްރީ ލަންކާއަށް އެމަނިކުފާނު ކުރައްވާ ފުތަރަމަ ދަތުރުފުޅެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ހުވާކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުތަރަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.