ޗައިނާގެ ރޮބޮޓިކް "ޕްރޯބް ޗަންގީ 4" ކާމިޔާބުކަމާ އެކު ހަނދަށް ޖެއްސުމާ ގުޅިގެން، ހަނދުގެ އަނދިރި ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމުކަށް ޗައިނާ ވެއްޖެއެވެ.
ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައި ވަނީ، ޕްރޯބް ޖެއްސީ ހަނދުގެ އައިޓްކެން ބޭސިން (ހަނދުގައިވާ ބޮޑު އަޑިގަނޑެއް) އަށް ކަމަށެވެ. ޕްރޯބުން ފޮނުވި ފުރަތަމަ ފޮޓޯގައި ފެންނަނީ ހަނދުން ފެންނަ ބޮޑު އަޑިގަނޑެކެވެ.
ޗައިނާއިން ހަނދުގައި ހިންގުމަށް ހަމަޖެހިފައިވާ ދިރާސާތަކުގެ ތެރޭގައި ހަނދުގައި ގަސް ހެއްދޭނެތޯ ބެލުމާއި، ހަނދުގައި ފެން ހުރިތޯ ބެލުން ހިމެނެއެވެ. މި ޕްރޯބް ޖެއްސީ އާދިއްތަ ދުވަހުން ފެށިގެން ހަނދު ވަށައިގެން އޯބިޓް ކުރުމުގައި އޮތުމަށް ފަހުގައެވެ.
China's Chang'e-4 probe takes photo of the far side of the moon. pic.twitter.com/JqssSgBJtk
— China Daily (@ChinaDaily) January 3, 2019
މިއީ ޖައްވީ ދަތުރުފަތުރުގެ ދާއިރާގައި ޒަމާނުއްސުރެން ކުރި އަރާފައިވާ އެމެރިކާ އާއި ރަޝިޔާއާ އެއް ހަމައަކަށް އައުމަށް ޗައިނާ އިން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ ގައުމުން އެއްމެ ފަހުން ހަނދަށް ފޮނުވި އުޅަނދު "ޔޫޓޫ" ހަނދުގައި 972 ދުވަސް ހޭދަކުރިއެވެ.
ޗައިނާއިން ވަނީ ހަނދަށް ފޮނުވި ކަހަލަ ޕްރޯބެއް، 2020 ވަނަ އަހަރު މާސްއަށް ވެސް ފޮނުވަން ނިންމާފައެވެ. އަދި 2022 ގެ ކުރިން އަމިއްލަ ޖައްވީ ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ޗައިނާ އިން ދަނީ ކުރަމުންނެވެ.
ޗައިނާ އިން ޖައްވީ ދަތުރުފަތުރުގެ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން އެމެރިކާ އިން ވަނީ ޖައްވުގައި އެމެރިކާގެ އަސްކަރިއްޔާގެ ބައެއް ބޭތިއްބިމުގެ މަސައްކަތް ކުރަން ފަށާފައެވެ. އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ވަނީ ޗައިނާއާ އެކު މަސައްކަތްކުރުމާއި މައުލޫމާތު ބަދަލުކުރުން މަނާކޮށްފައެވެ.