ގާނޫނާއި ގަވައިދާއި، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފަށް ޖަލުތަކުގައި މީހުން ގެންގުޅެފައި އެބަހުރިކަން ފާހަގަވާ ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ ރައީސް ޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ އޮޑިޓާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމިޝަނުގެ ރައީސް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ފާހަގަވާ ކަމަށާއި ގާނޫނާއި ގަވައިދާއި ބައިނަލްއަގުވާމީ މިންގަނޑުތަކާއި ޚިލާފަށް ޖަލުތަކުގައި މީހުން ގެންގުޅެފައި އެބަހުރިކަމަށެވެ. ޖަލުތަކުގައި އެކަށީގެން ނުވާ ގޮތަށް މީހުން ބަހައްޓާފައި ހުންނަކަށް ދާއިރާ ގުޅުން ހުރި އިދާރާތަކުގެ މީހުންނާއި ބައްދަލުކޮށް ބެލިބެލުމުން ފާހަގަވެފައިވާ ކަމަށާއި އެކަން އެފަރާތްތަކުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަސީލަތްތަކުގެ އަދަދު މަދުކަމުން ޚިދުމަތްތައް ފޯރުކޮށް ނުދެވޭކަމަށް. މިސާލަކަށް ސިއްހީ ޚިދުމަތްތަކަށް ބަލާއިރު އެބޭފުޅުން ވިދާޅުވަނީ މުއައްޒަފުން މަދުކަމުން މާލެ ގެންނަން ދަތިކަމަށް. ދަތުރުކުރުމުގެ އުޅަނދުގެ ދަތިކަން. އެމްބިއުލާންސްގެ ދަތިކަން. ބޭސް ލިބުމުގެ ދަތިކަން އެބޭފުޅުން ފާހަގަކުރެއްވި. އެބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން،" އަހުމަދު ވިދާޅުވިއެވެ.
ޖަލުތަކުގެ އޮޑިޓަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ބައްދަލުކޮށް އެކަންތައްތައް ނިމިފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ.
ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ މީހުން ބަންދުކޮށްފައި ތިބޭ ތަންތަނުގައި މީހުން ގިނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި ޖަލާއި ކަސްޓޯޑިއަލް ހިމެނޭ ކަމަށާއި އެކަންތައްތައް ހައްލު ކުރުމަށް ކަންތައްތައް ސަރުކާރަށް ހުށައަޅުއްވާނެކަމަށެވެ.
"އަނެއްކަމަކީ މިދެންނެވި ގާނޫނާއި ގަވައިދުތަކަށް ބަލާއިރު ގެޕްތަކެއް ހުރިކަން ފާހަގަ ކުރެވޭ. އެގެޕްތައް ފިލުވާލުމަކީ ވެސް ވަރަށް މުހިއްމު ކަމެއް." ޝަހިންދާ ވިދާޅުވިއެވެ.
ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ ޖަލު އޮޑިޓުގެ މަސައްކަތް ކުރުމަތް ހަތް މެމްބަރުންގެ ކޮމިޝަނެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އުފައްދަވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް އެ މަސައްކަތް 75 ދުވަސް ތެރޭ ނިންމައި، އޮޑިޓް ފުރިހަމަ ކުރަންޖެހޭނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހަށެވެ.
ކަމިޝަނުން ބަލާނީ މައިގަނޑު 4 ކަމެއް:
1.ދާއިރާ ގުޅުން ހުރި އިދާރާތަކުގެ މީހުންނާއި ބައްދަލުކޮށް ހޯދަން ބޭނުންވާ މައުލޫމާތު ހޯދުން، ބައްދަލުކޮށް މިހާރު ވަނީ ނިންމާފައި
2. ގާނޫނާއި ގަވައިދާ އުސޫލުތައް ދިރާސާކޮށް ޖަލުތަކާބެހޭ ރިޕޯޓްތައް ބަލާ އަމަލުކޮށްފައި ހުރީ ކިހާވަރަކަށްތޯ ބަލާ ދިރާސާ ކުރުން.
3. ޝަކުވާ ހުށައެޅުމަށް ހުޅުވާލުން
4.ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުން
ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ. އިން ހަދާފައިވާ ގަވައިދުތައް ކަމަށްވާ "މަންޑޭލާ ރޫލްސް"އަށް ރާއްޖޭގެ ޖަލުތައް 2020 ވަނަ އަހަރު އަންނަން ވާ އިރަށް ފެއްތުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ޖަލުތައް އޮޑިޓްކުރުމަށް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ޝައިޚް އަޙްމަދު ޢަބްދުލް ކަރީމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލާއި ސ.ހިތަދޫ، ތެވެލި، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ އާއި ރ.ކަނދޮޅުދޫ، ރިހިތަޅާގެ، އަޙްމަދު މުޙައްމަދުފުޅާއި ގ.މާލެހިޔާ 2، އަލްއުސްތާޛާ ޒުލައިޚާ ދާއޫދާއި އދ. ދަނގެތި، ސާތީ، އަލްއުސްތާޛާ ޝާދިޔާ އާދަމުގެ އިތުރުން ޏ.ފުވައްމުލައް، މާބުޅާގެ، އައިމިނަތު ނާހީން އަޙްމަދެވެ.