ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުން ޖަލަށް ބަދަލު ކޮށްފައިވަނީ ހަމަޖެހިފައިވާ އުސުލާއި އެއްގޮތަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ބުދަ ދުވަހު ކުރައްވާފައިވާ ޓްއީޓެއްގައި ވިދާޅުވީ އަދީބު ގޭގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، އެ މުއްދަތުގެ ފަހުން އަދީބު ގޭގައި ބަހަށްޓައިގެން ފަރުވާ ދިނުމަށް ޑރ ލަފާ ދެއްވާފައި ނުވާކަމަށެވެ
އިމްރާން ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން އަދީބުގެ ފަރުވާގެ ކަންކަން ސަރުކާރުން ބަލަހަށްޓަމުން ގެންދާނެ ކަމަށާއި އެއްވެސް މީހެއްގެ އަސާސީ އަދި އިންސާނީ ހައްގު ގާނޫނާއި ޚިލާފަށް މިސަރުކާރުން ނުހިފަހަށްޓާނެ ކަމަށެވެ
ބުދަ ދުވަހުގެ ރޭ އަދީބު ޖަލަށް ބަދަލު ކުރުމާއި ގުޅިގެން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ-ޑިމޮކްރަޓްސް (އެމްޓީޑީ) އިން ކަނބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނި މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް، އަދީބު ޖަލަށް ބަދަލުކުރުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ
އެޕާޓީން ބުނީ އަދީބު ބޭސްފަރުވާގެ ކަންކަން ކަށަވަރުކޮށް، އަދީބު ގެއަށް ބަދަލުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެެ.