ބޭއިންސާފުން ވަޒީފާ ގެއްލިފައިވާ 451 މައްސަލައެއް ބަލަން ފަށައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ހާސިލްވި މިންވަރާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބުރަސްފަތި ދުވަހު ދިން ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ ބޭއިންސާފުން ވަޒީފާއިން ވަކިކުރި މައްސަލަ ނުވަތަ ބަދަލުކުރި 451 މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގައި ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ހުށަހެޅުމަށް ހުޅުވާލީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި، އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވާފައެވެ.
އެފަދަ ފަރާތްތަކަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ.