ގައިދީންގެ އެކަހެރި ބައްދަލުވުމާއި އާއިލީ ބައްދަލުވުމުގެ މުއްދަތު އިތުރުކޮށް އެ އުސޫލަށް ބުރާސްފަތި ދުވަހު އަމަލު ކުރަން ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ގައިދީންގެ އެކަހެރި ބައްދަލުވުމާއި އާއިލީ ބައްދަލުވުމުގެ އުސޫލަށް ބަދަލު ގެނެސް އެއަށް އަމަލުކުރަން ފަށާފައިވާކަމަށެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ގައިދީންގެ އެކަހެރި ބައްދަލުވުން 24 ގަޑިއިރަށް އަދި އާއިލީ ބައްދަލުވުމުގެ ވަގުތު ދެ ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ގައިދީންގެ އެކަހެރި ބައްދަލުވުން ދެމުން އައީ 12 ގަޑިއިރަށެވެ. އަދި އާއިލީ ބައްދަލުވުން ދެމުން އައީ އެއްގަޑިއިރަށެވެ.
އިމްރާން ވިދާޅުވީ އެގޮތަށް ހަމަޖެއްސެވީ ގައިދީންނާއި އެމީހުންގެ އާއިލާތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް ބާއްވަން މަގުފަހިކުރުމަށް ކަމަށެވެ.
ގައިދީންގެ އިތުރުން ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް ވެސް ބައްދަލުވުންތަކުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދޭނީ އެމީހުންގެ ބަންދުގެ މުއްދަތު ހަތަރު މަސްދުވަހަށް ވުރެ ދިގުލައިގެން ދާ ނަމަ އެވެ.
ގައިދީންނާއި ވަކީލުން ބައްދަލުކުރުމުގެ އިންތިޒާމް ވެސް ކުރިއަށް ވުރެ މިހާރު ވަނީ ފަސޭހަކޮށްފަ އެވެ. އެގޮތުން ކޯޓަށް ހާޒިރުވާން ޖެހޭ ހާލަތެއްގައި ނޫނަސް ވަކީލުންނަށް އެ މީހުންނާ ބައްދަލުކުރެވޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ގައިދީންނާއި ކުށުގެ ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގައި ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާއި ބެހޭ ގަވައިދުގއ" 18 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދޭންވާނީ ޤައިދީ، ޙުކުމް ތަންފީޛުކުރަން ޖަލަށް ގެންނަތާ 14) ސާދަ) ދުވަސް ހޭދަކުރުމަށްފަހު އޭނާގެ އަޚުލާޤީ މިންގަނޑަށް ބަލާފައެވެ.
ގައިދީންގެ އެކަހެރި ބައްދަލުވުމާއި އާއިލީ ބައްދަލުވުން ދެނީ މަހަކު އެއްފަހަރުއެވެ.
އިމްރާން ވިދާޅުވީ ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ. އިން ހަދާފައިވާ ގަވައިދުތައް ކަމަށްވާ "މަންޑޭލާ ރޫލްސް"އަށް ރާއްޖޭގެ ޖަލުތައް 2020 ވަނަ އަހަރު އަންނަން ވާ އިރަށް ފެއްތުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށެވެ.