ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އަށް އޮމަންގެ ޔުނިވަރސިޓީތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އައިޔޫއެމްއަށް އެކިދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވަނީ އޮމާންގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލް އައުފީ އައިޔޫއެމްއަށް ކުރެއްވި ޚާއްސަ ޒިޔާރަތެއްގައެވެ. އަދި އެމަނިކުފާނަށް އައިޔޫއެމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިޒިޔާރަތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ އައިޝަތު ހަލީލާ އަބްދުއްސައްތާރު ވަނީ އޮމާންގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލް އައުފީއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މިމަޝްވަރާތަކުގައި އޮމަންގެ ޔުނިވަރސިޓީތަކުން އައިޔޫއެމްއަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެފަރާތުން އެއްބާސްވާގޮތުގެ މަތިން ކަންތައްތައް ކުރުމަށް ވަނީ ނިންމާފައެވެ.
މިބައްދަލުވުމުގައި އައިޔޫއެމްގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.