ގިލި ލަންކަންފުށީގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފަތިހު 5:00 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށާއި، އެއްވެސް މީހަކަށް ސީިރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ބުދަދުވަހުގެ ރޭ މެންދަމު 1:00 ހާއިރު އަލިފާން ފެތުރަނުދީ ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ރިސޯޓުގެ ހަތް މޫދު ކޮޓަރި އަނދައި ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ރިސޯޓްގައި އަލިފާން ރޯވީ ރޭ 10:30 ހާއިރު އެވެ.
އަލިފާން ރޯވި ސަބަބާއި ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއްނުވެއެވެ.
ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތުދިން އެ ރިސޯޓުގެ މުއައްޒަފެއް ބުނީ އަލިފާން ރޯވިކަމަށް ބޮޑަށް ބެލެވެނީ ކަރަންޓް ޝޯޓަކުން ކަމަށެވެ.
އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް ލިބުމާއެކު މާލެއިން ފަޔާއެންޑް ރެސްކިއު ޓީމްތައް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެވެ. އެންމެ މަތީ ފަންތީގެ އެ ރިސޯޓް، އާ އަރަހުގެ ބަންދަށް ފުލްވެފައިވާއިރު، އަލިފާނުގެ ހާދިސާއާ ގުޅިގެން ކައިރި ދެ ރިސޯޓަކަށް ޓޫރިސްޓުން ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ޓޫރިސްޓުން ބަދަލުކޮށްފައި ވަނީ އަދާރަން ހުދުރަންފުއްޓަކަށާއި ކޯމޯ މާލިފުއްޓަށެވެ.