ވިޔަފާރިތަކެއް ކުރަން އުޅެ ފެއިލް ވި ކަމަށާއި އެ ތަޖުރިބާއާ އެކު ހައްލު ހޯދަން މަސައްކަތް ކުރެވޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާއަކީ ވިޔަފާރިތަކެއް ކުރަން އުޅެ ފެއިލް ވި މީހެއް ކަމަށް ބަޔަކު ބުނަމުންދާ ކަމަށާއި އެއީ ތެދު ވާހަކައެއް ކަމަށެވެ. ވިޔަފާރީގައި ވެއިލް ވި މީހަކަށް އެ ކަމުގައި ހުރި ދަތިތައް އެނގޭނެ ކަމަށާއި ތަޖުރިބާގެ އަލީގައި ހައްލު ވެސް ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވިޔަފާރިތަކެއް ކުރަން އުޅެ ފެއިލްވެފައި ހުރި މީހެއް. އެއީ ތެދެއް. އަޅުގަނޑާ ދިމާލަަށް އަންނަ ބައެއް ތީރުތަކުގައި ބުނޭ، އެއީ ފެއިލްވެފައި ހުރި ވިޔަފާރިވެރިއެކޭ. ކިހިނެއްހޭ އިކޮނަމިކް މިނިސްޓަރަކަށް ހުންނާނީ. އަޅުގަނޑު ދަންނަވާނީ ފެއިލްވެފައި ހުރި މީހަކަށް މީގައި ހުރި ދަތިތަކާ އެއްޗެހި އެނގޭނީ ވެސް. އެހެންވީމަ އެކަންކަމަށް ހައްލު ހޯދަން ވެސް، އެކްސްޕީރިއަންސްތަކެއް އެބަހުރި އަޅުގަނޑުގެ،" ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ ފައްޔާޒު ވިދާޅުވީ ވަޒީރުކަމުގެ ގޮނޑިއަކީ އޭނާ ބަގުޑި ބައްދައިގެން އިންނަން ބޭނުންވާ ގޮނޑިއެއް ނޫން ކަމަށާއި އެ ގޮނޑިއަކީ އޭނާއަށް "އެހާ ބޮޑު ގޮނޑިއެއް" ނޫން ކަމަށެވެ. ވަޒީރުކަމުގައި އޭނާ ދެރަވާނީ ރަނގަޅު ކުރަން ބޭނުންވާ ކަންކަން ރަނގަޅު ނުކުރެވި ދާންޖެހިއްޖެހޭ ހާލަތެއް އަންނަ ދުވަހެއްގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ކުރަންޖެހުނު ކަމެއް ކުރާކަށް އަޅުގަނޑު ޖެހިލުމެއް ނުވާނަމޭ. ކުރަން ޖެހިލުން ނުވާނެ ސަބަބަކީ މި ގޮނޑިއަކީ އަޅުގަނޑު ބަގުޑިބައްދައިގެން އިންނަން ބޭނުންވާ ގޮނޑިއެއް ނޫން. އަޅުގަނޑަށް އެހާ ބޮޑު ގޮނޑިއެއް ނޫން މި ގޮނޑިއަކީ. މާދަމާ ވެސް މި ސުކުންތުގައި ވެސް މި ގޮނޑި ދޫކޮށްލާފައި ދާން ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ. އަދި ދެރައެއް ވެސް ނުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.