ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުއްލި ގޮތަކަށް ޖަލަށް ބަދަލު ކުރުމާއި ގުޅިގެން މޯލްޑިވްސް ތާޑްވޭ-ޑިމޮކްރަޓްސް (އެމްޓީޑީ) ކަންބޮޑުވުންފާޅު ކޮށްފިއެވެ.
އެމްޓީޑީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަދީބު ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ޖަލަށް ބަދަލުކުރުމާއި ގުޅިގެން އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް، އެމަނިކުފާނު ޖަލަށް ބަދަލުކުރުމަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެމްޓީޑީން ބުނީ އަދީބު ގޭބަންދުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީއާ، ކަރެކްޝަންސްއަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީގެންކަމަށެވެ.
ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ބުދަ ދުވަހުގޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަދީބުގެ ބޭސްފަރުވާކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ފާހަގަކޮށް، އެމްޓީޑީން ބުނީ މިނިސްޓަރު އިމްރާން ޔަގީންކަން ދެއްވިތާ މާގިނައިރުތަކެއް ނުވެ، އަދީބު ހައްޔަރުކޮށްގެން ޖަލަށް ގެންދިޔުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، އެމްޓީޑީން ބުނީ އަދީބުގެ ސިއްހީ މައްސަލަ ސިޔާސީ ނުކޮށް، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ދިނުމަށް އެދޭ ކަމަށާއި، ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް، ހަމަހަމަކަމާއެކު އިންސާފު ގާއިމްކޮށް، އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ގޭގައި ބަހައްޓައިގެން އަދީބަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ގޮވާލާ ކަމަށެވެ.
އެޕާޓީން ބުނީ އަދީބު ބޭސްފަރުވާގެ ކަންކަން ކަށަވަރުކޮށް، އަދީބު ގެއަށް ބަދަލުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.