ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގެ، ހިއްސާގެ 15 ޕަސެންޓް ތިން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިޔަފާރިތައް އެންމެ ގިނައިން ކުރަނީ ސިޓީ ކައުންސިލްތައް ހިމެނޭ ސަރަހައްދުތަކުގައި ކަމަށާއި އިގްތިސާދު ފުޅާ ވެގެންދާއިރު، ސިޓީ ކައުންސިލްތަކުގެ ބާރުވެރިވުން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސިޓީ ކައުންސިލްތަކަށް ދޭ ހިއްސާއަކީ ބޮޑު ހިއްސާއަކަށް ނުވިޔަސް، ސަރުކާރުން ދޭ ފައިސާ ކައުންސިލްތަކުގެ ހިއްސާއަށް ދިނުމުން ބާރުވެރިވުން އިތުރުވެގެންދާނެ ކަމަށެވެ.
"މިހާރުން ވެއްޖެއްޔާ އެ ކޮންމެ ސިޓީ ކައުންސިލަކަށް 5 ޕަސެންޓް ހިއްސާއެއް މިދެނީ. އެހެންވީމަ 15 ޕަސެންޓް ދާނެ. މިވަގުތު ސަރުކާރުގެ 85 ޕަސެންޓް 3 ސިޓީ ކައުންސިލްގެ މައްޗަށް 15 ޕަސެންޓް. އެކަމަކު ކުރިއަށް އޮތް ސަރުކާރުގެ ހިއްސާ މިއަށް އިތުރު ކެޕިޓަލް ހޯދުމުގެ ގޮތުން ވިއްކާނެ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މި ފާއިތުވެގެންދިޔަ ދުވަސްދުވަހު ކައުންސިލްތައް އޮތީ ފުޑުފުޑުކޮށްލާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުއްލިއަކަށް ކައުންސިލްތަކަށް ބާރުތައް ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް މިހާރު މަޑުމަޑުން ބާރުތައް ދޫކުރަމުން އަންނަ ކަމަށެވެ. އަދި މިދުވަސްވަރު، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތައް ކައުންސިލްތަކުން ދިނުމަށް ދަތިވާނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި ކަމަށާއި، ރައްޔިތުންގެ މަޖިލިސް ހުޅުވިގެންދާއިރު، މި މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އުންމީދު ކުރަނީ ރައްޔިތުން އެދޭ ގޮތަށް ބަދަލުތައް އައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްއެމްއީ ބޭންކް ހަދަން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރު ކުރާ ކަމެއް ވިޔަސް އެ މަސައްކަތް ކުރަނީ ގާނޫނުގެ ތެރެއިން ކަމަށާއި، އެންމެ އަވަސް ވެގެން އެ މަސައްކަތަށް ހަ މަސް ދުވަސް ވެގެންދާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ރަޖިސްޓްރީ ކުރަނީ ހަމައެކަނި ލޯނު ދޭ އިންޓިޓުއުޝަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ސްމޯލް މީޑިއަމް [އެންޓަޕްރައިޒަޒަސް ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕްރޭޝަން] އެޗްޑީއެފްސީ ނަމުގައި. މިއަކުން ޑިޕޮސިޓެއް ރައްޔިތުން އަތަކުން ނުވަތަ ވިޔަފާރިތަކުންނެއް ނުނަގާނެ. ހަމައެކަނި ލޯނުދޭނީ. ފުރަތަމަ ސްޓޭޖްއެއް. އެއީ ބޭންކެއް ކަމަށްމިވަނީ ޑިޕޮސިޓް ނެނގޭ ގޮތަށްވީމަ. ޑިޕޮސިޓް ނަގާ ކަމަށްވަންޏާ އެމްއެމްއޭގައި ރެގިއުލޭޝަންތަކެއް އެބަ އާދޭ ޑިޕޮސިޓްކުރާ ފަރާތްތައް ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ހަރުކަށި ނުވަތަ ހަރުދަނާ އުސޫލުތަކެއް އެބަހުރޭ ގާއިމް ކުރެވިފައި،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލޯނު ދޭ އިންޓިޓުއުޝަން ރަޖިސްޓްރީ ކުރުމަށް އެމްއެމްއޭގެ ހުއްދަ އެދުމަށް ކުރަންޖެހޭ މަސައްކަތައް ކުރެވެމުންދާ ކަމަށާއި، އެކަން ވަރަށް އަވަހަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ފިޔަފާރީތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ހިދުމަތް ދޭން ފެށުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވައުދު ފުއްދުމަށް ކަނޑައަޅާފައި ވަނީ 60 ދުވަހެވެ.