ސޮނޭވާ ގިލިލަންކަންފުށި ރިސޯޓުގައި އަލިފާން ރޯވުމާ ގުޅިގެން ބައެއް ފަތުރުވެރިން، ދެ ރިސޯޓަކަށް ބަދަލުކޮށްފިއެވެ. ފަތުރުވެރިން ބަދަލު ކުރީ އަދާރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓަށާއި ކޮމޯ މާލި ފުށި ރިސޯޓަށެވެ.
އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ރޭ 10:32 ހާއިރުއެވެ. ރިސޯޓުގެ ނުވަ ވޯޓާ ވިލާގައި ރޯވުމާ ގުޅިގެން އެ ކޮޓަރިތައް ވަނީ އެއްކޮށް އަނދާފައެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ތެރެއަށް އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ރެސްޓޯރެންޓްގެ ބަދިގޭގައި ރޯވެފައިވާ އަލިފާންގަނޑު ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ. އަދި އަލިފާން ރޯވި ސަބަބު ވެސް އަދި ނޭނގެއެވެ.