ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށް, ރާއްޖެއިން ހައްޔަރުކުރި ޔަމަންގެ މީހާއާ ގުޅޭ ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން އައި ޔަމަންގެ މީހާ ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ޔާސިރު ނަމަކަށް ކިޔާ އެ މީހާއަކީ އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލްގައި އަރަބި މާއްދާ ކިޔަވައިދެމުން އައި ޓީޗަރެކެވެ. އޭނާ ހައްޔަރު ކުރިއިރު، އޭނާގެ އަނބިމީހާ އިނނީ ބަލިވެއެވެ. އޭނާ ހައްޔަރުކުރީ ރާއްޖޭގައި ދިރިއުޅެމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ޖަލުތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން ބުދަ ދުވަހު މީޑިއާ މީޑީއާއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން އާންމުންނާ ހިސާބަށް އައިސްފައި ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އޭނާއާ ގުޅޭ މައުލުމާތު ހާމަކުރުމަކީ ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރަކަށް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ރަނގަޅު މައުލޫމާތެއް ނޫން ޕަބްލިކާ ހިސާބަށް އައިސްގެން މިއުޅެނީ. އެކަމުގައި ސީރިއަސް ކަންކަން އެބަހުރި. އަޅުގަނޑު އެބަ ވިސްނަން އެއާގުޅޭ ބައެއް މައުލޫމާތު ޕަބްލިކަށް ގެންނަން. އެކަމަކު މިވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް. އެކަމުގައި ސީރިއަސް ކަންތައްތަކެއް އެބަހުރި،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ޝަރީއަތަކާ ނުލައި، ހައްޔަރުކޮށްފައިވާ އެ މީހާއާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ ޔަމަން މީހާ ބަހައްޓާފައި ހުރީ ހުޅުމާލެ ޖަލުގައި ކަމަށާއި އޭނާ ބަހައްޓާފައި ހުރީ އިމިގްރޭޝަނުން އަންގައިގެން ކަމަށެވެ.
"ޑީޕޯޓް ކުރުމުގެ ކުރިން އިމިގްރޭޝަނުން ވިދާޅުވެގެން، ޑީޕޯޓް ކުރެވެންދެން ބަހައްޓާ ޖަލެއްގެ ގޮތުގައި ހުޅުމާލެގައި ހުންނަ ޖަލެއްގައި ހުރީ. އަޅުގަނޑުމެންނަކީ ޑޮކިއުމަންޓް ބަލަހައްޓާ ތަނެއް ނޫން. އަޅުގަނޑުމެން ހަމައެކަނި މީހާ ބަހަލަހައްޓަނީ،" މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމާ ހަވާލުވި މުނާޒް ވިދާޅުވިއެވެ.
ކޯޓު އަމުރަކާ ނުލައި، އަދި ޝަރީއަތެއް ވެސް ނުކޮށް، ޔަމަންގެ އެ މީހާ ހައްޔަރުކޮށްގެން ގެންގުޅޭތާ އެއް އަހަރާއި ނުވަ މަސް ވަނީ ވެފައެވެ.