އިންސާނަކަށް ވީތީ ލިބެންވާ ހައްޤުތަކުން ބިދޭސީން މަހްރޫމްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
ޑިސެމްބަރު 31 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި މޯލްޑިވްސް އިމިގްރޭޝަނުން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެއް ގޭބިސީއެއްގައި ދިރިއުޅޭ ކަމާއި އެ ތަނުގައި ސާފުތާހިރުކަން ކުޑަކަމާއި، އެތަނުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންކަން ފާހަގަކުރެވި، އިންސާނަކަށް ވީތީލިބެންވާ ހައްޤުތަކުން އެފަރާތްތަކަށް މަޙްރޫމްވެފައިވާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އެ ފަރާތްތައް ރާއްޖެ ގެނެސް ވަޒީފާ ދެވުނު ގޮތް ބަލައި، ވިސާނެތި ދިރިއުޅެމުންދާ ފަރާތްތަކާއި މެދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި އިމިގްރޭޝަނުން އަމަލުކުރަމުންދާ ގޮތާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ވަރކްޕަރމިޓް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތައް ހޯދުމުގައި އަމަލުކުރާ ގޮތާއި އެ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތަކާއި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް ނުވަތަ ވަރކްޕަރމިޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ފިލައިގެން އުޅޭ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކުރުވުއިފިނަމަ އެ މަސައްކަތްކުރުވާ ފަރާތާމެދު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
މީގެ އިތުރުން އަދިވެސް ހުރި އެހެނިހެން މައްސަލަތައް ހައްލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނާ ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާމެދު ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.
ދާދި ފަހުން ހަދަމުންދާ ރިސޯރޓެއްގައި ހާހެއްހާ ބިދޭސީން ގަވާއިދާ ހިލާފަށް ގެންގުޅެމުންދާ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސައްހަ އަދަދު ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭ އިރު އެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރިއެރުމެއް ނުލިބި ދުވަހެއް ދުވަހަކަށް އެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އެ މައްސަލަ ހައްލުނުވުމުގައި އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އޮތުމާއި ތަންފީޒީ އިދާރާތަކުގެ އިހްލާސްތެރިކަން ނެތުން ހިމެނެއެވެ.