އާއްމު ރައްޔިތުން އެދުމަށް ބާއްވާ ޓައުން ހޯލް ބައްދަލުވުން ބާއްވާނެ އުސޫލުތަކެއް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވާ ގޮތުން ޓައުން ހޯލް މީޓިން ބާއްވާނީ, ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން އެ ރަށެއްގެ ކައުންސިލް މެދުވެރިވެގެން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ޝުއޫރުތައް ކައުންސިލާ ހިއްސާކުރަން ބޭނުންވެއްޖެ ނަމަ އެންމެ މަދުވެގެން 30 ދުވަހު ތެރޭގައި ބައްދަލުވުން ބާއްވަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.
ބައްދަލުވުން ކުރިއަށްދާނި ބައްދަލުވުމުގައި ބައިވެރިވާން ހުށައަޅާ މީހުންގެ 50 އިންސައްތަ ހާޒިރުވެގެން ކަމަށް ބަޔާންކޮށްފައި ވެއެވެ.
މި އަދަދަށް ވުރެ މީހުން މަދުން ހާޒިރު ވެއްޖެ ނަމަ ބައްދަލުވުން ކުރިއަށް ނުގެންދިޔުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ޓައުންހޯލު ބައްދަލުވުމުގެ އެޖެންޑާ ކުރިއަށް ގެންދާނީ ބައްދަލުވުން ބޭއްވުމަށް ރައްޔިތުން ހުށައަޅާ ކަންތައްތައް ހިމަނައިގެންނެވެ.
ބައްދަލުވުން ބޭއްވުމުގެ ހަތް ދުވަސް ކުރިން އެޖެންޑާ އާއި ބައްދަލުވުން ބާއްވާނެ ތަނާއި ގަޑި އަދި މަޝްވަރާ ކުރާނެ ކަންތައް ކައުންސިލުން އާއްމުކޮށް ހާމަކުރަން ޖެހެކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ބައްދަލުވުމުގައި ހާޒިރުވާ ފަރާތްތައް ބަލާނެ ކަމަށާއި، ނިންމާ ނިންމުންތައް ޔައުމިއްޔާ އިން ބަލަހައްޓާނެއެވެ. އެގޮތުން ބައްދަލުވުމުގައި ހިނގާ ދިޔަ ކަންތައްތަކުގެ ތަފްސީލު ޔައުމިއްޔާގައި ބަޔާން ކޮށްފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.
ޓައުން ހޯލް ބައްދަލުވުމުގައި މެމްބަރުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލު ކުރަންވީ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ. އެ ގަވާއިދު ގައިވާ ގޮތުން ބައްދަލުވުމުގައި އެ މެމްބަރެއްގެ އާއިލާގެ މަސްލަހަތު ހިމެނޭ ކަމެއް ނުވަތަ، މެމެބަރެއްގެ އަމިއްލަ ފައިދާ އެއް ނުވަތަ ދައުރެއް އޮތް ކަމެއް ހިމެނޭ މެމްބަރަކަ އެޖެންޑާގެ ނަންބަރަކަށް މަޝްވަރާ ކުރާއިރު ބައިވެރިވެގެން ނުވާނެއެވެ.
ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.