ޖުޑީސަލް ސާރވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް މީހަކު ހޮވުމުގައި އަމަލް ކުޜާނެ އުސޫލު ހާމަކޮށްފިއެވެ.
ޖޭއެސްސީން އިއުލާންކޮށްފައިވާ މި އުސޫލުގައިވާ ގޮތުން ޖޭއެސްސީއަށް ސެކެޓްރީ ޖެނެރެލަކު ހޯދުމުގެ މަސައްކަތް ކުރާނީ އެ އިދާރާއިން ކަނޑައަޅާ ކޮމެޓީއަކުން ކަމަށް ވާއިރު އެ ކޮމެޓީގެ މަސްއޫލިއްޔަތުތައް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ސެކެޓްރީ ޖެނެރަލްގެ މަގާމުގެ އަސާސީ ޝަރުތު ތަކާއި ، ކުރައިޓީރިއާ އަދި ސްކްރީން ކުރުން ހިމަނާފައި ވާއިރު މިމަގާމަށް ކުރިމަތި ލާމީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތޭރެގައި ވަކިވަކި ކޮންމެ ދާއިރާއަކަށް ލިބޭ މަކްސްވެސް އުސޫލުގައި ކަނޑައަޅުއްވާފައި ވެއެވެ. އެގޮތުން ތަމްރީނާއި ތަޖުރިބާގެ ބައި ހިމެނެއެވެ.
މި މަގާމަށް ކުރިމަތި ލާފަރާތްތައް އިމްތިހާން ކުރެވޭއިރު މި އިމްތިހާން ކުރެވިގެންދާނީ ތައުލީމާއި ތަޖުރިބާގެ ބަޔަށް ކަނޑައަޅާފައިވާ ޖުމްލަ އިންސައްތައިގެ ދެބައިކުޅަ އެއްބަޔައްވުރެން މަތިން އިންސައްތަ ލިބިފައިވާ ފަރާތްތަކަށެވެ. އަދި އިމްތިހާނާއި ގުޅޭ އެހެނިހެން ކަންކަންވެސް އުސޫލުގައި ހާމަކުރައްވަފައި ވެއެވެ.
މިމަގާމަށް އައްޔަން ކުރާ ފަރާތް ކަނޑައަޅާނީ އިންޓަވިއު ޕެނަލްގެ ރިޕޯޓާއި މާކްސް ޝީޓައް ބެލުމަށްފަހު ކޮމިޝަނުންނެވެ.
މީގެ އިތުރުން މިއުސޫލަށް އަމަލްކުރަން ފަށާނީ ސަރުކާރުގެ ގެޒެޓްގައި އުސޫލް ޝާއިރު ކުރާ ތާރީހުންފެށިގެންނެވެ.