އެމްޑީޕީން އެޕާޓިގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް 35 ހާހަށްވުރެ ގިނަ ފޯމް ހުށަހަޅައިފިއެވެ.
ޕާޓީތަކަށް ފައިސާ ދޫކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް އިލެކްޝަންސް ކަމިޝަން (އީސީ) އަށް ހުށައަޅާ ފޯމުތަކުގެ ތެރެއިން ސައްހަ ފޯމްތަކަށް ކަމަށް އެކަމިޝަނުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މިދިޔަ އަހަރު ނިމެމުން ދަނިކޮށް އެމްޑީޕީން 35،446 ފޯމް އެކަމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.
ޑިސެމްބަރ 31 ގެ ނިޔަލަށް އީސީއަށް ދެން ފޯމް ހުށައަޅާފައިވާ ދެ ޕާޓީއަކީ އެމްޑީއޭގެ 98 ފޯމާއި ޖޭޕީގެ 179 ފޯމެވެ.
2017 ވަނަ އަހަރު ނިމުނުއިރު ޕާޓީތަކުގައި މެމްބަރުން ތިބި ޖުމްލަ އަދަދަކީ 96386 އެވެ. އެއީ ޕީޕީއެމްގައި 45865 މެމްބަރުންނާއި، އެމްޑީޕީގެ 29659 މެމްބަރުންނާއި، ޖޭޕީގެ 10225 މެމްބަރުންގެ އިތުރަށް އެމްޑީއޭގެ 10537 މެމްބަރުންނެވެ.