ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހޮންކޮންގްގެ މާފިއާ އަށް ނިސްބަތްވާ ތިން ދިވެހިން ކޮޗިން އިން ހައްޔަރުކޮށްފައިވާ ކަމަށް، އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އިންޑިއާ ފުލުހުންނާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައި ވަނީ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޮޗިން ފުލުހުން އެމީހުނަށް ފާރަލައި ހިންގި އޮޕަރޭޝަނެއްގައި ކާރު ޕާކު ކުރާ ތަނަކުން ކަމަށެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އާޒިމް ޙަބީބް، މުޙައްމަދު ސަފޫފް އަދި ޝިފާން އިބްރާހީމެވެ. އެ ތިން މީހުންގެ އިތުރުން އެންތަނީ ސާމީ ނަމަކަށްކިޔާ އިންޑިއާގެ ރައްޔިތެއްވެސް ހައްޔަރުކޮށްފައިވެއެވެ.
އެ މީހުން އަތުން 1.5 ލީޓަރު ހަޝިޝް އޮއިލް އަތުލައިގަނެފައި ވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އޭގެ އަގު 4.5 އިންޑިއަން ރުޕީސް ނުވަތަ 246،500 އެމެރިކާ ޑޮލަރަށް އަރާނެ އެވެ.
ހައްޔަރު ކޮށްފައިވާ ތިން ދިވެހިންނަކީވެސް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހޯދަމުންދިޔަ ތިން މީހުން ކަމަށް ވެއެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނީ މި ތިން މީހުންވެސް އުޅެފައިވަނީ ޓޫރިސްޓުން ކަމަށް ހެދިގެން އެކި ހޮޓާ ތަކުގައި ކަމަށެވެ. އެމީހުންގެ ޕާސްޕޯޓް ބަލާ ފާސްކުރިއިރު ރާއްޖެއާއި ތައިލޭންޑް އަދި ސިންގަޕޫރުގެ މަގުން އެމީހުން އިންޑިއާއަށް އެތެރެ ވެފައިވާކަމަށް އެ ބިއުރޯއިން ބުނެފައިވެއެވެ.