ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅޭނެ މުއައްސަސާއެއް ނޫން ކަމަށް ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި މަހުފޫޒު ވިދާޅުވީ މީގެކުރިން ފަނޑިޔާރަކާމެދު ފިޔަވަޅު އެޅި ކަމުގައިވިޔަސް އަދުލު އިންސާފުގެ ނިޒާމު ގާއިމްކުރުމުގެ އެންމެ މަތީ ފަރާތަށް ވުމަކީ ގައުމުގެ ހިނގާ ހުރިހާ ކަމެއް ހަމަޔަކަށް އެޅުވުމުގެ ބާރު، ސުޕްރީމް ކޯޓަށް ލިބިފައި އޮތުން ނޫން ކަމަށެވެ.
"ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅޭނެ މުއައްސަސާއެއް ނޫން ސުޕްރީމް ކޯޓަކީ ފަނޑިޔާރަކާމެދު މީގެ ކުރިން ފިޔަވަޅު އެޅިކަމުގައި ވިޔަސް އަދުލްއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ފަރާތަށް ވުމުގެ މާނައަކީ ގައުމުގައި ހިނގާ ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލުމުގެ ބާރު ސުޕްރީމް ކޯޓުގެ މުތުލަގަށް ލިބިފައި އޮތުމެކޭ ނޫން،" މަހުފޫޒް ވިދާޅުވިއެވެ.
ޖުޑިޝަރީގައި ފެށުނީއްސުރެ ގިނަ މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރެވޭ ކަމަށާއި ކްރިމިނަލް ކޯޓުންކުރާ ހުކުމްތަކުގެ އަދުލުވެރިކަމާ މެދުވެސް ސުވާލު އުފެދޭ ކަންތައް އެބަހުރި ކަމަށް ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަހުފޫޒު ވިދާޅުވީ އެ ދުވަހެއްގައި ކަންތައް ހިނގާނެ ގޮތް ނުވަތަ ހުކުމް ކުރާނެ ގޮތް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ބައެއް ފަރާތްތަކަށް އެނގޭ ކަމަށެވެ. ގާނޫނީ ދާއިރާގައި މަސްތަކަތް ކުރައްވާ އެއްވެސް ކަމެއް ސިއްރުވެފައި ނޯންނާނެކަން ކްރިމްނަލް ކޯޓުގެ ތިބޭ ފަނޑިޔާރުނާއި ވަކީލުން ވެސް ގަބޫލުކުރައްވާނެ ކަމަށް މަހުފޫޒު ވަނީ ވިދާޅުވެފައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ވިދާޅުވެފައެވެ. ނުފޫޒު ފޯރުވައިގެން ކުރި ބައެއް ކަންކަން ތަފްސީލު ކޮށްދެއްވަމުން، ސުއޫދު ވިދާޅުވީ މަރުގެ ދައުވާތައް ސާބިތު ނުކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުމަށް އެހީވުމާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުމާއި ބަންދުގެ މުއްދަތު އިތުރު ނުކޮށްދިނުމާއި ބަންދު ކުރަން ނުޖެހޭ މީހުން ބަންދުގައި ކުރުން ހިމެނޭ ކަމަށެވެ.
މިކަމާއި ގުޅިގެން ގާނޫނީ ވަކީލް މަހުފޫޒް ވިދާޅުވީ ސުއޫދު ވިދާޅުވި ކަންތައްތަކަކީ ހިނގަމުންދާ ކަންތައްތަކެއްކަން ގާނޫނީ ދާއިރާގައި މަސަތްކަތްކުރައްވާ ގިނަ ބޭފުޅުން ގަބޫލު ކުރައްވާކަމަށާއި އެއީ ގިނަ ބޭފުޅުންނަށް ތަޖުރިބާވެސް ކުރެވިފައި ހުރި ކަންތައް ކަމަށެވެ. އެ ކަންތައްތަކަކީ ނުހިނގާ ކަމެއްގެ ގޮތުގައި ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުފޫޒް ވިދާޅުވީ މުއައްސަސާތަކުން ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދާނެކަމުގެ އިތުބާރު ލިބެއްޖެނަމަ، އާންމުންގެ ތެރެއިން ކިތަންމެ ބަޔަކު ފަނޑިޔާރުންނާއި މެދު ޝަކުވާ ހުށަހަޅަނެ ކަމަށެވެ.