ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ފުލުސް އޮފީހަށް ހާޒިރުކޮށް, 4 ގަޑިއިރުވަންދެން ސުވާލުކޮށްފި އެވެ.
ފުލުހުންގެ ތަހުޤީޤަށް އާޒިމާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަިއވަނީ ހަވީރުގެ 4:00 ގައެވެ. އަދި އާޒިމާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެރޭ 8:30 ގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި އާޒިމާގެ މައްޗަށް ތުހުމަތުކުރަނީ މަނީ ލޯންޑާ ކުރަން ކުރީގެ ރައީސް ޔާމީނަށް އެހީތެރިވުމުގެ އިތުރުން، އެ މައްސަލަ އާއި ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވިކަމުގެ ތުހުމަތު އެވެ.
އާޒިމާ، ހޯމަ ދުވަހުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ. ހޯމަ ދުވަހު ރާއްޖެ.އެމްވީއަށް މައުލޫމަތުދެއްވަމުން އާޒިމާ ވިދާޅުވީ ފުލުހުންގެ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލަ ބަލަމުންދާތީ އެ އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒްކޮށްފައެވެ. އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އިރު އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ވެސް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގައި ރައީސް ޔަމީނުގެ ނަމުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީން ބަލަމުން ދެއެވެ. އެ ފައިސާ މިހާރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ.