ދުވާފަރު ދޯންޏަކުން ބަރުދަނުގައި 800 ގުރާމް ހުރި މާވަހަރެއް ހޮވައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާވަހަރު ފެނިފައި ވަނީ ރ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމުގައިވާ ވައްޓަރާއި މަހިދުއާ ދޭތެރޭގައި އޮންނަ ހަލަކުންނެވެ. އަދި، މި މާވަހަރު އޮތީ ހަލުގެ ފަޅުމަތީގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ދޯނީގައި ތިބި ފަރާތްތަކުން ބުނަމުންދިޔައީ ހޮވި މާވަހަރަކީ ހުދަންބަރެއް ކަމަށެވެ. ހުދަންބަރަކީ މާވަހަރުގެ ވައްތަރުތަކުގެ ތެރެއިން ވެސް އެންމެ ޚާއްޞަ އަދި އެންމެ އަގުހުންނަ އެއް ބާވަތެވެ.
މާވަހަރަކީ ބޮޑުމަހުގެ ފަރާތުން ލިބޭ އެއްޗެކެވެ. އެއީ ސްޕާމް ވޭލް ނަމަކަށް ކިޔާ ބާވަތުން ލިބޭ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި އަގުބޮޑުކޮށް ވިކޭ މާވަހަރަކީ އާއްމު ގޮތެއްގައި ސެންޓު އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.