ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ މިއަހަރުގެ ފުރަތަމަ ދުވަހު އެކައުންޓަށް، ޖަމާ ކުރަން ނުފަށާނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ކުރީ ސަރުކާރުން އެކުލަވާލާފައި އޮތް ޤަވައިދު އިސްލާހުކޮށް ޖޫރިމަނާ ކުރަން ފަށާނީ މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މުސާރައާ ބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުން ތަންފީޒު ކުރުމާއި ބެހޭ ޤަވައިދުގައި ބުނެފައި އޮންނަ ގޮތުން މުސާރަ ނުވަތަ ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ ޢިނާޔަތް ބޭންކް އެކައުންޓަށް ޖަމާ ނުކުރާނަމަ ވަޒީފާ ދޭ ފަރާތް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެގޮތުން ބޭންކް އެކައުންޓަށް މުސާރަ، ޖަމާ ނުކުރާ ފުރަތަމަ ފަހަރު، މުސާރަ ޖަމާކޮށްދީފައިނުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 10،000 ރުފިޔާ، ދެ ވަނަ ފަހަރު ވިހިހާސް ރުފިޔާ، ތިންވަނަ ފަހަރު ސާޅީސް ހާސް ރުފިޔާ އަދި ތިން ފަހަރަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް، ކޮންމެ ބިދޭސީ މުވައްޒަފަކަށް 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤަވައިދު ބަޔާން ކޮށްފައި ވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެފަހަރެއްގެ މަތިން ތަންފީޒްކުރުން ފަސްކޮށްފައި އޮތް ތާރީޚް ހަމަވާން 24 ގަޑިއިރަށް ވެފައި ވަނިކޮށް މިދިޔަ ހޯމަދުވަހު އިކޮނަމިކް މިނިސްޓްރީ އިން މުސާރަ އާއި ބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުން ތަންފީޒު ކުރުމާ ބެހޭ ޤަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޖޫރިމަނާ ފައިސާގެ އެއްވެސް އަދަދެއް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގާނީ، 01 ޖުލައި 2019 އިން ފެށިގެން ކަމަށެވެ.
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން މަޖުބޫރު ކުރުމަކީ ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމެކެވެ. ނަމަވެސް އެކަން މަޖުބޫރު ނުކުރެވި ދިގުދެމިގެން ދިއުމުގެ ސަބަބުން ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަ އަށް އެއްވެސް ހައްލެއް ގެނެވިފައެއް ނުވެއެވެ.