ގއ ވިލިނގިލީ ކައުންސިލް މެމްބަރަކު އެ ކައުންސިލުގެ މުއައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އާދިއްތަ ދުވަހު ކަމަށާއި، އެކަން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކައުންސިލު މެމްބަރަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ހުށަހަޅާފައި ވަނީ އެ އަންހެން މުވައްޒަފެވެ.
އެ މައްސަލަ ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުށައަޅާފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލުގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އެކަމުގެ ހަޤީޤަތް ކައުންސިލުން ބަލާނެ ކަމަށެވެ.