ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާ ކަމަށެވެ.
ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުލުހުންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ކޮންމެ ފުލުހަކު ވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އަދި ކޮންމެ ފުލުހަކީ އެފުލުހަކާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ މީހެއް ކަމަށާއި، ކޮންމެ ފުލުހަކުވެސް ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.