ނޮވެމްބަރު މަހުގެ 19 ގައި ބ. ދަރަވަންދޫ ފަރަށް އަރާފައިވާ ސަފާރީ ފުނޑުފުނޑުވެ، އޭގެ ބައިތައް އެރަށުގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ ބްލޫ ލެގޫން ކިޔާ އެ ސަފާރީގެ ލަކުޑިތައް އެރަށުގެ ގޮނޑުދޮށަށް ލައްގަން ފަށާފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކަމަށެވެ. އޭގެ ސަބަބުން އެރަށުގެ ގޮނޑުދޮށް ހަޑިވަމުންދާކަމަށް މާޖިދު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ދަރަވަންދޫގެ ފަރުތަކަށް ގެއްލުން ލިބިމުގެ ސަބަބުން ޓޫރިޒަމް ހީނަރުވެދާނެތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލް އިން ވަނީ ފާޅުކޮށްފައެވެ. ސަފާރީ ފަރަށް އަރާފައިވާ ސަރަހައްދަކީ ޔުނެސްކޯއިން ބައޮސްފިޔާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546331883.jpg)
މާޖިދު ވިދާޅުވީ ފަރަށް އަރާފައިވާ ސަފާރީ ފީވެ އެއިން ލަކުޑިތައް ފައިބަމުންދާ މައްސަލަ މީގެ ކުރިން ވެސް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައިވާނެކަމަށެވެ. އެގޮތުން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ސަމާލު ކަމަށް އެކަން ގެންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ލަކުޑިއާއި އޭގެ ހުރި ބިއްލޫރިތަކާއި އެއްޗެހި ލައްގަމުން ދަނީ. އެސަރަހައްދުގައި އޮއި ބާރު ވީމަ ކައިރިވާކަމަށް ނުކެރޭ. އެހާ ރައްކާތެރިއެއް ނޫން ރައްޔިތުން ނިކުމެ އެތަކެތި ނެގުން އެއީ." މާޖިދު ވިދާޅުވިއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވެފައި ވަނީ ފަރަށް އަރާފައި އޮތް ސަފާރީ ފުންކުރުމަށް އޭގެ ވެރި ފަރާތަށް އަންގާފައިވާ ކަމަށެވެ.