އާ އަހަރާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އޮކިއުޕެންސީ 100 ޕަސެންޓް ފުލްވެއްޖެއެވެ.
ބައެއް ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނި ގޮތުގައި، 100 ޕަސެންޓް ފުލް ނުވާ ރިސޯޓްތަކުގައި އެކިއުޕެންސީ ވެސް 90 ޕަސެންޓަށް އަރާފައިވާ ކަމަށެވެ.
ފަސް ރިސޯޓް ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ "މި ފަހަރުގެ އާ އަހަރުގެ ފެށުން ވަރަށް ރަނގަޅު" ކަމަށެވެ.
ވިލާގެ ގިނަ ރިސޯޓްތައް ފުލްވެފައިވާ ކަމަށާއި މިއީ މި ފަހަރުގެ އަހަރުތަކުގައި އާ އަހަރު ބަންދުގައި ރިސޯޓް އޮކިއުޕެންސީ އެންމެ ރަނގަޅުވި ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދިޔަ އަހަރުތައް މިދިޔައީ އާ އަހަރު ބަންދު ވެސް ތަންކޮޅެއް ދަށްކޮށް، ނަމަވެސް މި ފަހަރު ވަރަށް ރަނގަޅު. މިތާ ކައިރި [މާލެ ސަރަހައްދު] ރިސޯޓްތައް ވެސް ވަރަށް ރަނގަޅު،" ގައިސަރު ވިދާޅުވި އެވެ.
ވިލާ ގްރޫޕްގެ ރިސޯޓްތަކަށް އާ އަހަރުގެ ޗުއްޓީއަށް ގިނައިން އައީ އޭޝިއާ އަދި ޔޫރަޕްގެ ފަތުރުވެރިން ކަމަށް ގައިސަރު ވިދާޅުވި އެވެ. އަދި އެހެން އަހަރުތަކާ އަޅާބަލާއިރު މިފަހަރު އައި ޗައިނާގެ ފަތުރުވެރިން މަދުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނަދުވަސްވީ ޓްރެވަލް އެޖެންސީ ކެޕިޓަލް ޓްރެވަލްގެ ސީއިއޯ ޔޫސުފް ރިއްފަތު ވިދާޅުވީ މި ފެށުނު އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ.
ރިއްފަތު ވިދާޅުވީ ފާއިތުވި ތިން އަހަރު ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ މަތިނުވާ ވަރަށް މި އަހަރު ފެށުނު އިރު މަތިވެފައިވާ ކަމަށެވެ. ރިސޯޓްތަކުގެ އިތުރުން ގެސްޓް ހައުސްތައްވެސް ފުލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިސޯޓްތަކުގައި އަދި ގެސްޓްހައުސްތަކުގައި އޮކިއުޕެންސީ އިތުރުވެފައިވަނީ މައިގަނޑު ދެ ސަބަބަކާއި ހެދިއެވެ. އެއީ ރިސޯޓް އަދި ގެސްޓް ހައުސްތަކުގެ ބެޑް އިތުރުވުމާއި، ޑެސްޓިނޭޝަން މާކެޓް ކުރުމަށް ކުރެވުނު މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާ އަހަރު ފާހަގަކުރަން ރާއްޖެ ގިނައިން ރާއްޖެ އައިސްފައިވަނީ ޔޫރަޕް އަދި އޭޝިއާގެ ފަތުރުވެރިން ކަމަށް ރިފްއަތު ވެސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިންވަނީ އައިސްފަ އެވެ.