ހއ. ހޯރަފުށީގައި ޑެންގީ ކޮންޓްރޯލް ނުކުރެވި، ވަރަށް ބޮޑަށް ފެތުރެމުދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އަރިދަފުސްރޯގާ، ވަރިރަލް ހުން އަދި ޑެންގީ އެރަށުގައި ވަރަށް ބާރަށް ފެތުރޭ ކަމަށާއި، މިހާތަނަށް އަށް ކުޑަ ކުއްޖަކު އަދި ބޮޑު އެކަކު ޑެންގޫ ހުމަށް ޕޮޒިވް ވެފައިވާ ކަމަށެވެ.
ހުމާއި، ރޯގާ ބޮޑަށް ފެތުރެންފެށީ މިދިޔަ ހަފްތާގައި ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ހޯމަ ދުވަހުގެ ނިޔަލަށް ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
''ދެ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން މިދަނީ. އެ ދެ ކުދިން މަރުކަޒުގައި ފަރުވާ ދެމުން އަންނަތާ ހަތަރު ދުވަސްވެއްޖެ،'' ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޯގާ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒާއި، ކައުންސިލުން މަޝްވަރާތަކެއް ކުރުމަށްފަހު، ރައްޔިތުންނާއި ގުޅިގެން ރަށުގެ ތެރެ ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑެންގީއަށް ރައްކާތެރިވުމަށް މަދިރި ބޭސް އުނގުޅުމަށާއި، މިދުވަސްވަރު ބޭރުގައި ނޫޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މި ދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަށްވުމާއެކު ދަތުރުފަތުރު ކުރުމާއި މީހުން އެއްވެ އުޅުން ގިނަވުމުގެ ސަބަބުން މި ފަދަ ރޯގާތައް އިތުރުވެފައިވާ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފަ އެވެ.