ކަރަންޓުގެ އަގު ވަރަށް އަވަހަށް ތިރިކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރޮގްރާމްގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، ކަރަންޓުގެ އަގު ކުޑަ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކާ ކަރަންޓު އަގު ކުޑަކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
''ސަރުކާރުން ކަޑައަޅުއްވާނީ އަގެއް. އަޅުގަނޑުމެން މިހާރު އެކަމަށް މަސައްކަތް ކުރަމުންދާނީ. ސަރުކާރު ސިޔާސަތު ތެރެއިން ރައްޔިތުންނަށް ލުއި ގޮތަކަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ'' ސައީދު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ކުންފުންޏަށް ސިޔާސީ ނުފޫޒު ވައްދާފައިވޭތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ސިޔާސީ ގޮތުން ނުހިންގާ އެއްވެސް ކަމެއް ކުންފުނި ތެރޭގައި ނެތް ކަމަށާއި މިހާރު އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އެފަދަ އެއްވެސް ކަމެއް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކު ކުންފުނީގައި ވަޒީފާ އަދާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މާލީ ގޮތުން ފެނަކަ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ދައުލަތުގެ މާލީ އިދާރާއިން އެހީތެރިންކަން ފޯރުކޮށް ނުދީފިނަމަ ނާޒުކު ހާލަތަކަށް ކުންފުނި ހިނގައިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ކަރަންޓު ކެނޑޭ މައްސަލަ ދިމާވާ ރަށްރަށުގައި އެކަންތައް ހައްލު ކުރުމުގެ ގޮތުން ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބާ އިންޖީނުތައް އާކޮށް މިހާރު ހުރި އިންޖީނުގެތަކަކީ ހަރުދާނާ ތަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވީތީވެ މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ ނަމުގައި ސިޔާސީ ހަރަކާތްތަކަށް ގިނަ އެއްޗެހިތަކެއް ގަނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިން ވަރަށް ބޭކަރު ގޮތުގައި ބޮޑު އިސްރާފެއް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.