ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، ރާއްޖޭގެ ހުރިހާ ކޮލެޖަކުން ކިޔެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހު ވެފައިވާ ހިލޭ ޑިގްރީއަށް ކިޔެވޭ ވައުދުގައި ރާއްޖޭގެ ވަކި ތަނެއްގައި ކިޔަވާ ކުދިންނަށް ހިލޭ ޑިގްރީ އަށް ކިޔެވޭ ވާހަކަ ވިދާޅުވެފައި ނުވާކަމަށެވެ. އެހެންވުމާއި އެކީ ސަރުކާރުގެ ނުވަތަ އަމިއްލަ ކޮލެޖެއްގައި ޑިގްރީ އަށް ކިޔަވާ ކުދިންނަށް ވެސް ހިލޭ ކިޔެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ހާސް ނަވާރަ ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދިނުމަށް 100 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މިނިސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން މަދުވުން ކަން ފާހަގަ ކުރައްވައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވި އެކަމުގެ ސަބަބުން ބޭނުންވާ އެންމެ ބާރުމިނުގައި މަސައްކަތް ކުރިއަށް ނުދާކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ވަޒީރުކަންވެސް ކުރެއްވި އިބްރާހީމް ހަސަން ވިދާޅުވީ، ބޭރުގައި ކިޔަވަން ތިބި ކުދިންގެ ސްޓައިޕެންޑް ލިބުމަށް ދަތިތަކެއް ދިމާވި ސަބަބަކީ ބަޖެޓް ދަތިކަން ކުރިމަތިވެގެން ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ސްޓެޕެންޑް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ސަރުކާރުގެ ފަރާތުން މިހާރު ގޮސްފައި ތިބި ކުދިންނަށް ބޭނުންވާ ފައިސާ ހޯއްދަވައި މިހާރު އެ ފައިސާތައް އެކުދިންނަށް ޕްރެސެސް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ'' އިބްރާހީމް ހަސަން ވިދާޅުވިއެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަންއާ ހަވާލުކުރި ވައުދުތަކުގެ ތެރެއިން ތިން ވައުދެއް ފުއްދާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.