ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއާ ހަވާލުކުރި ތިން ވައުދެއް ފުއްދާފައިވާ ކަމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވީ، އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ވައުދުތަކަކީ އަގު ބޮޑު ވައުދުތަކެއް ކަމަށެވެ.
އެ މިނިސްޓްރީން ފުއްދާފައިވާ ވައުދުތަކުގެ ތެރޭގައި، ޖީސީ އޭލެވެން އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް އިހުތިޔާރުކުރާ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށް ސްކޮލާޝިޕް ދޭން ނިންމުމުގެ ވައުދު ހިމެނެއެވެ. އެ ގޮތުން ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރަކަށް ދޭ ސްކޯލާޝިޕްގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އޭލެވެލްގެ ނަތިއްޖާ އިއުލާންކޮށް އެއްވަނަ އަށް ދާ ކުދިންގެ ނަންތައް އިއުލާން ކުރުމާއެކެ އަޅުގަނޑުމެން ސްކޯލާޝިޕްގެ މަސައްކަތް ކުރިޔަށް ދާނެ'' ޑރ. ހަސަން ވިދާޅުވިއެވެ.
މި ސްކޯލާޝިޕް ލިބޭނީ ޖީސީ އޭލެވެލް އިން ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.
ދެ ވަނަ ވައުދަކަށް ފުއްދާފައިވާ ވައުދަކީ ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު އޯއީސީޑީ ގައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުމުގެ ވައުދެވެ. މި ވައުދު ފުއްދުމުގެ ގޮތުން އޯއީސީޑީ ގައުމުތައް ހިމެނޭ ގޮތަށް ސްކޯލާޝިޕް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ދިވެހި ކުދިން އެންމެ ގިނައިން ދާން ބޭނުންވާ ގައުމުތައް މިހާރު މި ލިސްޓުގައި ހިމެނުނީ. އޮސްޓްރޭލިއާ، ނިއުޒިލޭންޑް، އިނގިރޭސިވިލާތް، ފިންލޭންޑް ފަދަ ގައުމުތައް އޯ.އީ.ސީ.ޑީ ލިސްޓުގައި ހިމެނޭތީ އެ ގައުމުތަކަށް ކިޔެވުމުގެ ފުރުސަތު މި ހުޅުވުނީ'' ޑރ. އިބްރާހީމް ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން އިން ތިން ވަނަ އަށް ފުއްދާފައިވާ ވައުދަކީ، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުމެވެ. އަދި މިހާރު "ކިޔަވާ ލޯނު" ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށް ފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލެވުން ވެސް ހިމެނެއެވެ. އެގޮތުން ކުރިން ކިޔަވާ ލޯނުން ފަސް ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއް ނަގާއިރު މިހާރު އިސްޓަރެސްޓް ރޭޓް ވަނީ ތިން ޕަސެންޓަށް ކުޑަކޮށްފައެވެ. ދަރިވަރުން ދައްކަން ޖޭހޭ އިންޓްރެސްޓް ރޭޓް ދަށްކޮށް ލޯނު ދައްކަން ޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލްތައް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ފަސް ޕަސެންޓް މި ވަނީ ތިން ޕަސެންޓަށް ދައްކޮށްފައި. ތިން ޕަސެންޓަށް ކުޑަ ކޮށްފައި ލޯނުގެ ފައިސާ ދައްކާ މުއްދަތު ޖުމްލަ ގޮތެއްގައި 25 ޕަސެންޓަށް މުއްދަތުތައް އަޅުގަނޑުމެން ދިގުކޮށްދެން.'' މިނިސްޓަރު ވިދާޅުވިއެވެ.