އާ އަހަރު ފާހަގަ ކުރަން މިރޭ 40 އަށް ވުރެ ގިނަ ރިސޯޓެއްގައި ހަވާ އަރުވާނެ ކަމަށާއި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.
އާ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލޭގައި ފާއިތުވި އަހަރުތަކުގައި ބޭއްވި ނަމަވެސް މި އަހަރު މާލޭ ސިޓީ އަދި ހުޅުމާލޭގައިވެސް ހަވާ އެރުވުމަށް އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އާ އަހަރު ފާހަގަކުރުމަށްޓަކައި ބައެއް އަހަރުތަކުގައި މާލޭގައި ހަވާ އެރުވައި މިއުޒިކް ޝޯ ބާއްވާފައިވެ އެވެ. ނަމަވެސް މި ފަހަރު މާލޭގައި ހަވާ އެރުވުމެއް ވެސް، މިއުޒިކް ޝޯއެއްވެސް ސަރުކާރުން ނުބާއްވަ އެވެ.
އާ އަހަރުގެ ފެށުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެ އާއި ބައެއް ރަށްރަށުގައި ބަނގުރާ ބުއިމުގެ އަމަލުތައް ކުރިން ފަހަރުތަކުގައި ހިންގާފައިވާތީ، މިފަހަރު އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ފަށާފައިވާ މި އޮޕަރޭޝަންގައި ކުއްތާ ވެސް ބޭނުންކުރާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އެ އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.