ބައިބައިވުންތައް ނެތިކޮށްލައި ދިވެހިން އެއްބައިވަންތަވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
އާ އަހަރުގެ މުނާސަބަތުގައި އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހިންގެ ކާމިޔާބީގެ ސިއްރަކީ ގައުމީ އެއްބައިވަންތަކަން ކަމަށާއި މިކަމަށް ތާރީހު ވެސް ހެކިދޭނެ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެކި އެކި ސަބަބުތަކާއި ހުރެ ގައުމުގައި ބައިބައިވުން އުފެދި ގައުމުގެ ސުލްހައާއި ކުރިއެރުމާއި ތަރައްގީއަށް ބުރުއެރިކަމީ ހަގީގަތެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. ބައިބައިވުންތައް ނެތިކޮށްލައި ފަރުދީ ގޮތުންނާއި އިޖުމާއީ ގޮތުން އުފުލަން ޖެހޭ ޒިންމާތައް އުފުލުމަށް ގައުމުގެ ހުރިހާ ފަރުދުންނަށް މައުމޫން އިލްތިމާސް ކުރެއްވިއެވެ.
މި ބަޔާނުގައި ރައީސް މައުމޫން ވަނީ އެއްބައިވަންތަކަން އަންނަނީ ޝަރުތުތަކަކާއި އެކީ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ޝަރުތުތަކަކީ ކޮންމެ މީހަކާ މެދުވެސް އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެކު ކަންކުރުމާއި، އިގްތިސާދީ މަންފާ އެއްމެންގެ ތެރޭގައި ބެހިގެން ދިޔުމާއި، ހައްގުތައް ރައްކާތެރިކުރެވޭނެ މާހައުލެއް ބިނާވެގެން ދިޔުން ކަމުގައި މައުމޫން ވިދާޅުވިއެވެ. އަދި މި ކަން ކަން ކުރުމަށް ގައުމުގެ ހުރިހާ ފަރާތްތަކަކަށް ވެސް މައުމޫން ގޮވާލެއްވިއެވެ.
މައުމޫންގެ ބަޔާން ނިންމަވާލެއްވީ ދިވެހި ގައުމަށް ކާމިޔާބު އަހަރަކަށާއި އެއްބައިވަންތަ ބައެއް ކަމުގައި ދިވެހިން ލެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.