ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ އާދިއްތަ ދުވަހު އެކަމަނާ ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ މިވަގުތު އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލަ ބަލަމުންދާތީ އެ އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒްކޮށްފައެވެ. އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އިރު އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ވެސް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގައި ރައީސް ޔަމީނުގެ ނަމުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީން ބަލަމުން ދެއެވެ. އެ ފައިސާ މިހާރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ.