ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި މި އަހަރު ރިކޯރޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްއެލް)ގެ ސޯސިއޭޓް ޖެނެރަލް މެނޭޖާރ ހަސަން އަރީފް ވިދާޅުވީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ވެސް 80 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށެވެ.
މި އަހަރުގެ ފަހު ހަފުތާގައި ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު 2017 ވަނަ އަހަރުގެ ޑިސެމްބަރު 25 އިން 31 ޑިސެމްބަރުގެ ނިޔަލަށް އީއައޭގައި ޖައްސާފައި ވަނީ 55 ޕްރައިވެޓް ޖެޓެވެ.
މީގެ އިތުރުން މިހާތަނަށް އެންމެ ގިނަ ބޯޓު ވީއައިއޭ އަށް ޖައްސާފައި ވަނީ ވެސް 2018 ވަނަ އަހަރުއެވެ.
އެމްއޭސީއެލް އިން ބުނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެކަނި ވެސް 55 ފްލައިޓް ޖައްސާފައިވާ ކަމަށެވެ. އެއީ ރެކޯޑް މިންވަރެކެވެ. އަދި ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމެންޓްސް (އޭޓީއެމްސް) 102 އަށް އަރާ ކަމަށާއި އަދި ސީޕްލޭން އޭޓީއެމްސްގެ އަދަދު 517 އަރާ ކަމަށެވެ. މިއީ އެއާޕޯޓް ހުޅުވި ފަހުން ފާއިތުވި 52 އަހަރުގެ ތެރޭގައި އެންމެ ގިނަ ފްލައިޓް ޖެއްސި ދުވަހެވެ.
އެ ދުވަހު 17،723 ބައިނަލްއަގުވާމީ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު ހިދުމަތް ދިން ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު 4269 އަރައެވެ. އަދި ސީޕްލޭންގެ ހިދުމަތް ދޭ ޓީއެމްއޭ އާއި މޯލްޑިވިއަންގެ 5500 ފަސިންޖަރުންނަށް ވީއައިއޭ އިން އެ ދުވަހު ހިދުމަތް ދީފައި ވެއެވެ.
ހަސަން އަރީފް ވިދާޅުވީ ގިނަ އަދަދެއްގެ ފްލައިޓް ވީއައިއޭގައި ޖެއްސިކަމުގައި ވިޔަސް ސީޒަނަށް އެމްއެންސީއެލް އިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ އިންފްރާސްޓްރަކްޗަރގެ ގޮތުން ދިމާވާ ދަތިތައް ނޫން އެހެން އެއްވެސް ދައްޗެއް ދިމާނުވާ ކަމަށެވެ.